ބީލަމަށް ނުލައި، އެއްވެސް ތަރުތީބެއް ނެތި ގާތް ބޭފުޅުންނަށާއި އާއިލާ ބޭފުޅުންނަށް ބަހާލި 206 ޕްރޮޖެކްޓުގެ ތެރެއިން ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައި ނެތް ތިން ކުންފުންޏަކަށް ޖުމުލަ 52 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހަވާލުކޮށްފައިވާކަން ފަޅާއަރައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބަހާލި 206 ޕްރޮޖެކްޓުގެ ތެރެއިން އިމާރާތް ކުރުމުގެ މަސައްކަތްތަކާ ގުޅޭ ޕްރޮޖެކްޓުތައް ހަވާލުކުރި ތިން ކުންފުންޏެއް، ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީގައި ނެތެވެ. އެއީ އެފްޖޭ ޑިޒައިންސް އާއި، އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް އަދި އެވޯކާ ޕްރައިވެޓް ލިމިޓެޑެވެ.

އެވޯކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ދެ ޕްރޮޖެކްޓުގެ އަގަކީ 21.6 މިލިއަން ރުފިޔާ އެވެ. އެއީ ލ. އިސްދޫ ސްކޫލްގައި ފަސް ކްލާސްރޫމާއި ހަ ފާހާނަ ހެދުމަށް 6.6 މިލިއަން ރުފިޔާ އަދި 10 ރަށެއްގެ ސްކޫލްގެ ކުޅޭ ސަރަހައްދުގައި ޓާފް އެޅުމަށް 15 މިލިއަން ރުފިޔާ އެވެ.

އެފްޖޭ ޑިޒައިންއާ ހަވާލުކޮށްފައި ވަނީ ހަތް ރަށެއްގައި ޕޮލިސްޓޭޝަން އިމާރާތް ކުރުމުވެ. އެއީ، ލ. މާމެންދޫ، މާބައިދޫ، ދ. ހުޅުދެލި، ބަނޑިދޫ، މ. މަޑުއްވަރި، ތ. ގާދިއްފުށި އަދި ދިޔަމިގިލީ ޕޮލިސް ސްޓޭޝަންގެ އިމާރާތެވެ. މި ހަތް މަޝްރޫއުގެ ޖުމުލަ އަގަކީ 17.5 މިލިއަން ރުފިޔާ އެވެ.

އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑާ ވެސް ހަވާލުކޮށްފައި ވަނީ ފަސް ރަށެއްގެ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށެވެ. އެއީ ކ. ދިއްފުށި، ބ. ހިތާދޫ، ކިހާދޫ، ދޮންފަނު، އަދި ކުޑަރިކިލު އެވެ. މި މަޝްރޫއުތަކުގެ އަގަކީ 13 މިލިއަން ރުފިޔާ އެވެ.

ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ރަޖިސްޓްރީނުކޮށް އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެވޭނެ އެވެ. އެ ފަދަ ހުއްދައަކަށް ހުށަހެޅޭނީ ވެސް ދަފުތަރުގައި ރަޖިސްޓްރީ ވެފައި އޮންނަ ކުންފުންނިތަކަށެވެ. ދަފުތަރުގައި ރަޖިސްޓްރީ ނުކުރާނަމަ 250،000ރ. އާ ހަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް، އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގައި ބުނެފައިވެ އެވެ.

"އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރާނަމަ، މި ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެ މަސައްކަތެއް ކުރުމަށް ކޮންޓްރެކްޓަރުން ރަޖިސްޓަރީ ވާން ވާނެއެވެ. މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން ރަޖިސްޓަރީނުވެ ކޮންޓްރެކްޓަރެއް އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެކެވެ،" ގަވާއިދުގެ ނުވަ ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން، މަޝްރޫއުތައް ހަވާލުކުރި ބައެއް ކުންފުނިތަކުގެ ތެރޭގައި އިމާރާތް ކުރުމުގެ ހުއްދަ ބާތިލުވެފައިވާތާ އެތައް އަހަރެއް ވެފައިވާ ކުންފުނިތައް ވެސް ހިމެނޭ ކަމަށް ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީން ދައްކަ އެވެ.

ނަމަވެސް، މަޝްރޫއުތައް ހަވާލުކުރަން ބުރާސްފަތި ދުވަހު ބާސެލޯ ނަސަންދުރާގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މަސައްކަތްތައް ހަވާލު ކޮށްފައިވާނީ ގާނޫނާއި ގަވާއިދާއި އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ.

ބީލަމަށް ނުލައި ޕްރޮޖެކްޓުތައް ބަހާލުން ރަނގަޅުކަން ދެއްކުމަށްޓަކައި އެ ޖަލްސާގައި މުއިއްޒު އިތުރަށް ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ.