ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ދިވެހި ރައްޔިތަކު ވެސް ނުހައްގުން ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތިން މަސްދުވަހުގެ ތެރޭގައި 33 އިންސައްތަ މުވައްޒަފުން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގާފައިވާ މައްސަލައިގައި، މުވައްޒަފުން ވަކިކުރުމުގެ ނަމުގައި ސިޔާސީ ގޮތުން ފިޔަވަޅު އެޅުމާ ދެކޮޅަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސްކޮށްފަ އެވެ.

އެ ބަހުސްގައި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. ސިޔާސީ ފިކުރަށް ބަލައިގެން މީހުން ވަޒީފާއިން ވަކިކުރުމުގެ އިސްނެގުމެއް ސަރުކާރުން ނުނަގާނެ ކަމަށާއި، ނުހައްގުން މުވައްޒަފުން ވަކިކުރުމުގެ އަމަލުތައް ހިނގާފައި ވަނީ އިދިކޮޅު އެމްޑީޕީގެ ދެ ވެރިކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހުށަހަޅާފައިވާ ގަރާރުގައި ވަޒީފާއިން ވަކިކުރި ވަކި އަދަދެއް ބަޔާންކޮށްފައި ނެތްކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ރައްޔިތަކަށް ނިކަމެތިކަމެއް ލިބޭނެ ފަދަ ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން ފަލާހު ދެއްވި އެވެ.

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ސިޔާސީ އެއްވުންތަކުގައި ބައިވެރިވުމާ ގުޅިގެންނާއި ސިޔާސީ ފިކުރަށް ބަލައިގެން ސަރުކާރުން އަންނަނީ މުވައްޒަފުން ވަކިކުރަމުންނެވެ. އެގޮތުން ކުންފުނިތަކުގައި 42,000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން ދާއިރު، ޕީސީބީގެ އެންގުމާ އެކު 33 އިންސައްތަ މުވައްޒަފުން ވަކިކޮށްފިނަމަ 13,800 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދާނެ ކަމުގެ ކަންބޮޑުވުން އިދިކޮޅުން ވަނީ ފާޅުކޮށްފަ އެވެ.