މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭތީ، ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން މިއަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.
ކަނޑުގެ ރާޅުގެ އުސްމިން މިއަދު އާންމު ގޮތެއްގައި ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގަ އެވެ. ނަމަވެސް، ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތް ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ފާއިތުވި ދެ ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާއިރު، ވެރިރަށް މާލެއަށް ވެސް ވަރަށް ބޮޑަށް އުދައަރައި، އެކި ސަރަހައްދުތަކަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. އެހެންކަމުން، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެ އެވެ.
މާފުށީގައި ޕެރެސެއިލިން ވައިކުޑައެއް ފަޅައިގެން ގޮސްފި
ސިނގިރޭޓު ނުބޯ މީހުން ފުއްޕާމޭގެ ކެންސަރަށް ހުށައެޅެނީ ކީއްވެ؟
ހުއްދަ ނެތި ބޭސް އެތެރެކޮށްފިނަމަ ބޮޑު ޖޫރިމަނާއެއް