ހޮލީވުޑްގެ ޕްރޮޑިއުސަރެއް ކަމަށްވާ ޑޭވިޑް ބްރަޔަން ޕިއާސް ޖުމްލަ 146 އަހަރަށް ޖަލަށް ލާން ލޮސް އެންޖެލަސްގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

ޑޭވިޑްގެ މައްޗަށް 146 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި މިވަނީ 24 އަހަރުގެ ޒުވާން އަންހެނަކާއި އޭނާގެ 26 އަހަރުގެ ރަހުމަތްތެރިޔާ މަރާލުމުގެ ކުށް ސާބިތުވެގެންނެވެ.

މިދިޔަ ފެބްރުއަރީ މަހު ހިނގި އެ ހާދިސާގެ ތަހުގީގުން އެނގުނު ގޮތުގައި ޑޭވިޑް ވަނީ އެ ދެ ޒުވާނުން މަރާލުމުގެ ކުރިން ރޭޕްކޮށް ޖިސްމާނީ އަނިޔާތައް ދީފަ އެވެ.

އެ ދެ މީހުންގެ އިތުރުން ވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކި އަންހެނުންނަށް ޑޭވިޑް ޖިންސީ ގޯނާ ކޮށްފައިވާކަން ތަހުގީގުގެ ތެރެއިން ހާމަވި އެވެ.

މީގެ އިތުރުން ވެސް ދެ ޒުވާނުންގެ މެޑިކަލް ރިޕޯޓުތަކުން އެ މީހުން މަސްތުވާތަކެއްޗަށް އޯވާޑޯޒް ވެފައިވާކަން އެނގުނެވެ. ބެލެވޭ ގޮތުގައި އެއީ ޑޭވިޑް ޖިންސީ ގުޅުން ހިންގަން ކުރި ކަމެކެވެ.

ޑޭވިޑްގެ މައްޗަށް ގަދަކަމުން ޖިންސީ ގުޅުން ހިންގުމާއި ނުރުހުމުގައި މަސްތުވާތަކެތި ދިނުމުގެ ކުށް ސާބިތުވެފައިވާ ކަމަށް ހަބަރުތަކުން ބުނެ އެވެ.

އެ ހާދިސާގައި މަރުވި ޒުވާނާގެ އާއިލާއިން ވަނީ އެ މީހުންނަށް ކޯޓުން އިންސާފު ލިބުނީތީ އުފާވާ ކަމަށާއި ވަކީލުންގެ މަސައްކަތާމެދު ފަހުރުވެރިވާ ކަމަށް ބުނެފަ އެވެ.