ފަލަސްތީނުގެ ގާޒާގައި ހަމަލާ ދިނުން ހުއްޓާލަން އިޒްރޭލުގެ ހައްދުފަހަނަ އެޅި ޔަހޫދީ ފައުޖުތަކުން ވެފައިވާ އެއްބަސްވުމާ ހިލާފުވެ، ރޭ ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 100 އިން މައްޗަށް އަރާފައިވާ ކަމަށް ހޮސްޕިޓަލްތަކާ ހަވާލާދީ ގާޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުމަކަށް މި މަހުގެ 10 ވަނަ ދުވަހު ވީ އެއްބަސްވުމުގެ ދަށުން ހަމާސް އިން ކުރަންޖެހޭ ކަންކަން ނުކުރާ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. އަދި ހަމާސް އިން އިޒްރޭލު ސިފައިންނަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ.

ހަމާސްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި އަލުން ހަމަލާތައް ވަރުގަދަ އަށް ދިނުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަސްކަރީ ފައުޖުތަކަށް އަމުރުކުރުކޮށްފަ އެވެ. ނަތަންޔާހޫގެ މި އަމުރާ އެކު ޔަހޫދީ ފައުޖުތަކުން ގާޒާއަށް ވައިގެމަގުން ހަމަލާތައް ދޭންފެށީ އަންގާރަ ދުވަހުގެ ރޭގަ އެވެ.

ގާޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފައިވާ ގޮތުގައި، ރޭގެ ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 22 ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުން ވެސް ގިނަ އަދަދަކަށް ހިމެނެ އެވެ.

ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވީ ހަމަލާތަކާ އެކު ގާޒާގެ ހާލަތު އިތުރަށް ނާމާންވެ ގޯސްވެފައިވާ ކަމަށެވެ. އަދި މިއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ހަމަލާތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެދޮރު ގެއްލިފައިވާ މީހުންގެ ޓެންޓުތަކާއި ގެތަކާއި ހޮސްޕިޓަލްތަކުގެ ކައިރިއަށް ވެސް އިޒްރޭލުގެ ހަމަލާތައް އަމާޒުވެފައި ވާކަމަށެވެ.

އިޒްރޭލުން ހަމަލާ ދިނީ ހަމާސް އިން އިޒްރޭލުގެ އަސީރުންގެ ހަށިތައް ހަވާލުކުރުމުގައި އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި އަދި ގާޒާއިން އިޒްރޭލު ސިފައިންނަށް ހަމަލާ ވެސް ދީފައިވާ ކަމަށް ބުނުމަށް ފަހުގަ އެވެ. އެކަމަކު ހަމާސް އިން ތަކުރާރުކޮށް ބުނަމުން އަންނަނީ އެ ޖަމާއަތުން އެއްބަސްވުމަށް އަމަލުކުރާ ކަމަށާއި އެއްބަސްވުމާ ހިލާފް ވަނީ އިޒްރޭލުން ކަމަށެވެ.

އިޒްރޭލުން ހަމަލާ ދިނުމަށް އުޒުރެއްގެ ގޮތުގައި މިފަހަރު ބުނީ އިޒްރޭލު ސިފައިން ތިބުމަށް ފާހަގަކޮށްފައިވާ ރީނދޫ ރޮނގު ހުރަސްކޮށް ހަމާސް އިން ސިފައިންނަށް ހަމަލާދިން ކަމަށެވެ. އެކަމަކު މި ހަމަލާ ދިނީ ކޮން އިރަކު ކޮން ތާކު ކަމެއް ވެސް ނުބުނެ އެވެ.

ގާޒާގައި ހަމަލާދޭތާ ދެ އަހަރު ފަހުން ހަމަލާތައް ހުއްޓުމަކަށް ގެނުވި އެއްބަސްވުމާ ހަމާސް އިން ހިލާފުވެ، އިޒްރޭލު އަސީރުންގެ 28 ހަށިގަނޑު ހަވާލުކުރުމުގެ ސުންގަޑި ވެސް ހަމަވެފައިވާ ކަމަށް ބުނެ އިޒްރޭލުން ގެންދަނީ އިންޒާރުތައް ދެމުންނެވެ.

އިޒްރޭލުން ބުނި ގޮތުގައި އެންމެ ފަހުން ހަވާލުކުރި، 16 ވަނަ ހަށިގަނޑަކީ، މީގެ ދެ އަހަރު ކުރިން ހަވާލުކުރި އެހެން އަސީރެއްގެ ހަށިގަނޑުގެ ބައިތަކެވެ. އެހެން ނަމަވެސް ހަމާސް އިން އެކަން ދޮގު ކުރެ އެވެ.