ވެރިކަމުގެ ނިޒާމް ބަދަލުކުރަން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނު އަސާސީގައި ވެސް ލިޔެފައިވޭ. ނަމަވެސް ރައީސް ނަޝީދު މަސައްކަތްކުރައްވަނީ ކުރުމަގަކުން ވެރިކަމަށް ވަޑައިގެންނެވޭނެ ގޮތެއް ހޯއްދެވުމަށް. މިކަމާ ގުޅިގެން ސިޔާސީ ގިނަ ލީޑަރުން ދަނީ ނަޝީދަށް ފާޑު ވިދާޅުވަމުން.

ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނީ ސީދާ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދަންނަވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

މަބްރޫކް މީޑިއާތަކަށް މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މެސެޖު ރައީސް ސޯލިހުއަށް ލިބިވަޑައިގަނެފައިވާ ކަމަށެވެ.

އެ މެސެޖާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ވޯޓަކުން އަމަލުކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވުމުން، ވެރިކަމުގެ ނިޒާމަށް ބަދަލެއް ގަނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"ރައީސް ނަޝީދުގެ މެސެޖްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރަން އެދޭ ކަމަށް. އިތުރު ނިންމުމެއް މިވަގުތު ނިންމާފައެއް ނެތް،" ރައްޔިތުންގެ ވޯޓަކަށް ދާން ނިންމާފައިވޭތޯ ނޫސްވެރިއަކު ދެންނެވުމުން މަބްރޫކް ވިދާޅުވި އެވެ.

މިހާރު މިއޮތް ރިޔާސީ ނިޒާމު އުވާލައި ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަން ބޭނުންވާކަމަށް ވިދާޅުވެ ނަޝީދު ވަނީ ރައީސް ސޯލިހުއަށް މެސެޖެއް ފޮނުވައިފަ އެވެ.

ނަޝީދު ވަނީ އެ މެސެޖު ކެބިނެޓް މިނިސްޓަރުންނާއި ބައެއް މަޖިލިސް މެމްބަރުންނާއި ހިއްސާ ކުރައްވައިފަ އެވެ.

މެސެޖުގައި ނަޝީދު އިތުރަށް ވިދާޅުވީ، އެމަނިކުފާނު ބޭނުންވަނީ ގައުމު ހިންގަން ކަމަށާއި، މިހާރު މި ހުންނެވި ގޮތަށް އެއްފަރާތުގައި ހުންނަން ބޭނުންނުވާ ކަމަށެވެ.

ރޭގެ ވަގުތެއްގައި ނަޝީދު ކުރެއްވި އެ މެސެޖް ސޯޝަލް މީޑިއާގައި ލީކުވުމާއެކު ގިނަ ބަޔަކު ވަނީ ބަރުލަމާނީ ދެކޮޅުކަން ހާމަކޮށްފަ އެވެ. މަދު ބަޔަކު ވަނީ ބަރުލަމާނީއަށް ތާއިދުކުރާކަން ހާމަކޮށްފަ އެވެ.