ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފަކަށް އިއްޔެ ރޭ ފަތިހު ވަޅިން ބިރު ދައްކައި 100،000 އަށް ވުރެ ގިނަ ޑޮލަރު ހުރި ބްރީފް ކޭސް ފޭރިގެންފައިވާއިރު، އެ ޑޮލަރުތައް ފެނުނުކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
އެއާޕޯޓުން ގިނަ އަދަދެއްގެ ޑޮލަރުތައް ފޭރިގަތް މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން ފުލުހުން މިއަދު ވަނީ އެ މީހުންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ. އަދި އެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ނަމަވެސް ފޭރިގަތް ކަމަށް ބުނާ 100،000 އަށް ވުރެ ގިނަ ޑޮލަރަށް ވީ ގޮތެއް އަދި ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. ފުލުހުންގެ މީޑިއާ ގްރޫޕްގައި އެކި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ ޑޮލަރުތައް ހޯދިފައިވާކަން ނުވަތަ ނޫންކަން ވެސް ފުލުހުން ނުބުނެ އެވެ.
ޑޮލަރުތައް އަޅާފައި ހުރި ބްރީފްކޭސް ފޭރިގަނެގެން، އެ ވަގުންތައް ސްޕީޑް ލޯންޗެއްގައި ދިޔަކަމަށް ބެލެވޭ ދެ ރަށެއް ވެސް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން އެބަ ކުރެ އެވެ. އެ ދެ ރަށަކީ މާލެ އަތޮޅު ހުރާ އަދި ގުރައިދޫ އެވެ.
ބްރީފް ކޭސް ގެންދިޔަ ތަން ހޯދުމުގައި ޓްރެކާގެ އެހީ ބޭނުންކުރި ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް އެކަން އަދި ސާފުވާ ގޮތެއް ނުވެ އެވެ.
މި ބޮޑު ފޭރުމުގެ އަމަލު ހިންގިއިރު އަދިވެސް އެކަން ހިނގި ގޮތް އެންމެ ފުރިހަމައަށް ތަހުގީގު ކުރެވިފައެއް ނުވެ އެވެ. އެހެން ކަމުން ގިނަ ބަޔަކު ބުނާ ގޮތުގައި މި ވައްކަމުގެ މައްސަލައަކީ ނުފޫޒުގަދަ ބަޔަކު ގުޅިގެން ވަރަށް ބޮޑަށް ރޭވިގެން ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ.
ފޭރިގަތް ޑޮލަރުތައް ހޯދިފައިވޭތޯ "ހުރިހާ" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު މަރުހަލާގައިވުމުން ޑޮލަރުތައް ފެނުނުތޯ ނުވަތަ ނޫންތޯ ވެސް ބުނަން ނޭނގޭ ކަމަށާއި އެ މައުލޫމާތު ހިއްސާކުރުމަށް މިހާރު އެދިފައިވާނެ ކަމަށެވެ. އަދި އެކަމުގެ އަޕްޑޭޓެއް ލިބުނުހާ އަވަހަކަށް މީޑިއާތަކާ ހިއްސާކުރާނެ ކަމަށް ބުނެ ފުލުހުންގެ މީޑިއާ އޮފިޝަލް އެ ވާހަކަ އިތުރަށް ނުދެއްކެވި އެވެ.
މި ފޭރުމުގެ އަމަލު ހިންގިއިރު، ބޭންކްގެ ދެ މުވައްޒަފުން ކައިރީގައި ފުލުހުން ވެސް ނެތެވެ. އެކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ފައިސާ އުފުލުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުން ކޮށްފައިނުވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މީޑިއާއަށް ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.
ފައިސާތައް ފޭރުނު މީހުން ލޯންޗުގައި ދިޔައީ ހުރާއަށް!
ބަނދަރު ފުންކުރަން ކުޑަ އެކްސްކަވޭޓަރެއް ބޭނުންކުރާތީ ފާޑުކިޔަނީ
ގަދަ އަލީގައި ނިދުމަކީ ހިތުގެ ސިއްހަތަށް ނުރައްކާވާ ކަމެއް!