ކޯޓު އަމުރަކުން ހުއްޓުވައި، ބޮންޑެޑް ވެއާހައުސްއެއްގައި ބަހައްޓާފައި ހުރި 575 ކޭސް ސިނގިރެޓް ވަގަށް ބޭރުކުރި އެގްޒޮޓިކް އެންޓަޕްރައިޒަސް ނަމަކަށް ކިޔާ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި އުޅެފައިވާ ކަމަށް ހިތާދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިރުހާން އެއްބަސްވެއްޖެ އެވެ.
މިކަން ފަޅާއެރީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ( 241 ކޮމިޓީ) ގެ ހޯދުންތަކުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރި އެ ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން އެގްޒޮޓިކް އެންޓަޕްރައިޒަސް ކަސްޓަމްސްގައި ބޮންޑެޑް ވެއާހައުސް ރަޖިސްޓްރީ ކުރި އިރު އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކު އަދި އަބްދުﷲ ހަސަން ނަމަކަށް ކިޔާ މީހެކެވެ.
ނަމަވެސް އޭގެ ފަހުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ފޭކް ސިނގިރެޓް ޑިސެމްބަރު 9، 2023 ގައި އެތެރެކުރި އިރު އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކާއި ރައްޔިތުންގެ މަޖިލިހުގެ ހިތާދޫ ދާއިރާގެ މެންބަރު މުހައްމަދު ސިރުހާނެވެ.
މި ވާހަކަ ނޫސްތަކުތަކުގައި ރިޕޯޓްކުރުމުން ނެރުނު ނޫސް ބަޔާނެއްގައި ސިރުހާން ވަނީ އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި މަސައްކަތް ކުރި ކަމަށް އެއްބަސްވެފަ އެވެ. އޭނާ ވިދާޅުވީ އެ ކުންފުންޏާ ގުޅުނީ 2023 ވަނަ އަހަރު ލިބުނު ފުރުސަތެއްގައި ކަމަށެވެ.
ސިރުހާން ވިދާޅުވީ އޭނާ އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުމާއި ހިއްސާދާރެއްގެ ގޮތުގައި ހުރި ދުވަސްވަރު އެ ކުންފުނިން ގާނޫނާ ހިލާފު ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.
ބޮންޑެޑް ވެއާހައުސް އިން ވަގަށް ސިނގިރެޓްތައް ބޭރުކުރި އިރު، އެގްޒޮޓިކް އެ ކުންފުނީގެ ހިއްސާދާރުން އޮތީ އެހެން ބަޔަކަށް ބަދަލުކޮށްފަ އެވެ. އެ މައްސަލަ ފަޅާއެރިއިރު އެ ކުންފުނީގެ ބޯޑު ޑައިރެކްޓަރުންގެ ގޮތުގައި ތިބީ އަބްދުލް އަހަދު އަދުނާން ނަމަަކަށް ކިޔާ މީހަކާއި މުހައްމަދު ޝަރީފު ނަމަކަށް ކިޔާ މީހެކެވެ.
ކަސްޓަމްސް އަށް ނޭނގި އެ ސިނގިރޭޓްތައް ބޭރުކުރިކަން ފަޅާއެރުމުން އެ ސިނގިރެޓްތަކުގެ ޑިއުޓީގެ ގޮތުގައި ކަސްޓަމްސް އަަށް ދައްކަން ޖެހޭ 47.1 މިލިޔަން ރުފިޔާ ދައްކަން ވަނީ އެ ކުންފުންޏަށް އަންގާފަ އެވެ. ނަމަވެސް އެ ކުންފުނިން އެ ފައިސާ ދައްކާފައެއްނުވެ އެވެ. އެހެންވެ މިހާރު އެ މައްސަލަ ވަނީ ޝަރީއަތަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.
މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު
އަނިޔާއާއެކު ވެސް އައްޒަ މަސައްކަތައިގެން ކުރިއަށް!
