މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝަންގެ 45 ވަނަ އުފަން ދުވަސް ފްރާންސްގެ ވެރިރަށް ޕެރިސްގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު 45 އަހަރު ފުރުނު ކިމް ވަނީ އޭނާއާއެކު "އޯލްސް ފެއާ"ގައި މަސައްކަތްކުރާ އެކްޓަރުންނާއެކު އުފަންދުވަސް ފާހަގަ ކޮށްފަ އެވެ.

އެގޮތުން ރަޔާން މުރްފީގެ ފިލްމު "އޯލްސް ފެއާ"ގެ ޕްރިމިއާ ނައިޓްގައި ބައިވެރިވުމަށްފަހު ކިމް ވަނީ އޭނާގެ އުފަން ދުވަހަށް ލިބުނު ސަފްރައިޒްތައް އާއްމުންނަށް ދައްކާލާފަ އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ކިމް ހިއްސާކުރި ޕޯސްޓުގައި "އޯލްސް ފެއާ" ޓީމުގެ ފަރާތުން އޭނާއަށް ދިން ކޭކާއި ޕާޓީގެ ފޮޓޯތައް ހިމަނާފައިވެ އެވެ.

އެއާއެކު އިންސްޓަގްރާމް ސްޓޯރީގައި ވެސް ކިމް ވަނީ އޭނާގެ ދަރިންނާއި އާއިލާގެ ފަރާތުން ލިބުނު މާބޮނޑިތަކުގެ ފޮޓޯތައް ހިއްސާ ކޮށްފަ އެވެ.

އޯލްސް ފެއާގެ ޕްރިމިއާއާއި އުފަން ދުވަހުގެ ހަފްލާތަކުގެ ތެރެއިން ކިމް ފެނިފައި މިވަނީ އޭގެ ދެތިން ދުވަސް ކުރިން އެނުއަލް މިއުޒިއަމް ގާލާގައި ފެނުނު އޭނާގެ ފެނިލުމާއެކު ޕްލާސްޓިކް ސާޖަރީ ހެދިކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ.