ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން، މެލޭޝިއާގެ ބެސްޓިނެޓުގެ އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން މި ސަރުކާރުން ހެދި އެއްބަސްވުމުން ގެއްލުމެއް ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ބެސްޓިނެޓް އެއްބަސްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އުޝާމް މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.

މަޖިލިސް މެންބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ އެ އެއްބަސްވުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު އެކަން ކުރިއަށް ގެންދަން ލަފާ ދީފައިވާނެ ކަމަށެވެ. އަދި އާ އެއްބަސްވުން އެކުލަވާލީ ސަރުކާރަށް ގެއްލުންވާ ގޮތަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ގާނޫނީ ލަފާ ދީފައިވާނެ. ގާނޫނީ ލަފާގައި އޮންނާނެ އެކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރުމަށްފަހު އެކަން ކުރިއަށް ގެންދިޔުމަށް،" އުޝާމް ވިދާޅުވި އެވެ.

އެ އެއްބަސްވުމުގެ ދަށުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ސަރުކާރުން ބެސްޓިނެޓަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝޫރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު ދައްކަންޖެހެ އެވެ.

ބެސްޓިނެޓާއެކު އެއްބަސްވުން ހެދީ 2016 ވަނަ އަހަރު އެވެ. އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ އެއްބަސްވުމާ ގުޅޭގޮތުން އެއްވެސް މުއާމަލާތެއް ސަރުކާރުން ނުކޮށް އޮތުމަކީ ސަރުކާރުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމެއް ކަމަށް ދެކޭ ކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ އެއްބަސްވުމާ ހިލާފުވެގެން ބެސްޓިނެޓުން އެދުނު ބަދަލު ޝަރީއަތުގެ މަރުހަލާގައި ދައުލަތުން ދައްކަން ޖެހޭ ގޮތަށް ނިމުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅިނަމަ ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޝަރުއީ މަރުހަލާގައި މި އެއްބަސްވުމުގެ ދަށުން އުފުލަން ޖެހޭ އިހްތިސާމުތަކުގެ މެޓީރިއަލް ބްރީޗެއް ސަރުކާރުގެ ފަރާތުން ވެފައިވާ ކަމަށް އަޅުގަނޑުމެންނަށް ފަރާތުން ބެލެވުނު. އަދި އޭގެ ސަބަބުން ބެސްޓިނެޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލަށް އެދުމުގެ ފުރުސަތު އޮތް ކަމަށް ވެސް ފާހަގަކުރެވުނު،" އޭނާ ވިދާޅުވި އެވެ.