ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިވާގޮތަށް ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން، ރަށްރަށުގެ މިސްކިތްތަކަށް ބޭނުންވާ މުވައްޒަފުންގެ އިތުރުން، ކޮންމެހެން ބޭނުންވާ ވަރަށް ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭތީއާއި ލޭންޑް ޔޫޒް ޕްލޭންތަކަށް އަމަލުކުރަން ދަތިވާތީ ރަށްރަށުގެ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން މި ބަދަލުތައް ފާސްކޮށް، އޭގެ ހަފުތާއެއްފަހުން ރައީސް މުހައްމަދު މުއިއްޒު މި ބަދަލުތައް ތަސްދީގުކުރެއްވީ، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކަށް ދަތިވާނެ ކަމަށް ބުނެ، އެކި ރަށްރަށުގެ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.

ބައެއް ކައުންސިލް ތަކުން ކަންބޮޑުވުން ފާޅުކޮށް ދަނީ ނޫސްބަޔާންތައް ނެރެމުންނެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭ އުސޫލެއް 30 ދުވަހުގެތެރޭ ލޯކަލް ގަވަމަންޓް މިނިސްޓްރީއާއި އެލްޖީއޭއިން އެކުލަވާލައި ގެޒެޓުކުރަން ޖެހޭ ކަމަށް އެ ބަދަލުގައި އޮންނަ ކަމަށާއި، 30 ދުވަސް ހަމަވިއިރު އެ އުސޫލުތައް ގެޒެޓުކޮށްފައިނުވާ ކަމަށް ބުނެފައި ވެއެވެ. އަދި އެ އުސޫލު ފާސްނުކޮށް އޮތުމުން އިތުރަށް ދެން މުވައްޒަފުން ނުނެގޭނެކަން ކައުންސިލް ތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ށ. ފޭދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު 16 ވަނަ އިސްލާހުގައި ކައުންސިލްތަކުގެ ދައުރު ހަމަވާން އެއް އަހަރަށް ވެފައިވާ ނަމަ ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭނޭ ކަމަށް ބަޔާންކޮށްފައިވާތީ، ކައުންސިލުން ދެމުން ގެންދާ ރަށްވެހިކަމުގެ ޚިދުމަތް ތަކަށް ބޭނުންވާ މުވައްޒަފުން ނުނެގުމަކީ އެ ކައުންސިލުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މިހާރު ރަށްވެހިކަމުގެ ހިދުމަތްތަކުގެ ތެރެއިން މިސްކިތްތައް ބެލެހެއްޓުމާއި ކުނި މެނޭޖް ކުރުމުގެ ހިދުމަތަށް ބޭނުންވާ މުވައްޒަފުން ނުނެގޭތީ ރަށުގެ ރަސްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަށް ހުއްޓިދާނޭ ކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ.

އަދި އެ ގާނޫނުގެ ދަށުން ދެން ކައުންސިލަށް މުވައްޒަފުން ނެގޭނީ ގާނޫނު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީއާއި މާލީ ވުޒާރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށް ބަޔާންކޮށްފައި ވީ ނަމަވެސް 30 ދުވަސް ފާއިތުވެގެން ދިޔަ އިރުގައި ވެސް އެ އުސޫލު ފާސްކޮށް ކައުންސިލްތަކާ ހިއްސާކޮށްފައި ނުވާ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭ އުސޫލު ގެޒެޓުކުރުން ލަސްވާތީ ގިނަ ކައުންސިލް ތަކުން ކަންބޮޑުވުންފާޅުކުރަމުން ދާތީ އެކަމާ ސުވާލުކުރުމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލު ވިދާޅުވީ، ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭ އުސޫލުތައް އެކުލަވާލައި ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް އުސޫލު ގެޒެޓުކުރާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ސަރުކާރުން ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް ބަދަލުކޮށްފައެވެ.

މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، 18 ވަނަ ދުވަހު އަމަލުކުރަން ފެށި ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ.

އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެއް ކަން ވެސް މިހާރު އެ ގާނޫނުގައި ވެއެވެ.

އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް ގާނޫނުގައި މިހާރު ބުނެއެވެ.