ރާއްޖޭގެ މީޑިއާތައް ސަރުކާރުން ކޮންޓްރޯލް ކުރަން މަޖިލީހުން ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމާއެކު މީޑިއާތައް ސެލްފް ރެގިއުލޭޓު ކުރެވޭ ގޮތަށް އޮތް މީޑިއާ ކައުންސިލް އުވިފައިވާތީ، ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އުފައްދާ އާ ކައުންސިލުގެ އޮނިގަނޑަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޖޭއޭއިން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ސެލްފް ރެގިއުލޭޓަރީ ކައުންސިލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ދަނީ ނޫސްވެރިންގެ ތެރެއިން ހޮވައިލެވުނު ފްރީ ޕްރެސް ކައުންސިލް ކޮމިޓީންނެވެ. އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ވަނީ ބާއްވާފަ އެވެ.
އެ ބައްދަލުވުމުގައި ފާސްކުރި ޕްރެސް ކައުންސިލުގެ އޮނިގަނޑަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އެ ކޮމިޓީގެ ޗެއާއަކަށް ހަމަޖައްސާފައި ވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަހުމަދު ޒާހިރު (ހިރިގާ) އެވެ. އެ ކޮމިޓީގެ ކޯ ޗެއާއަކަށް ހަމައްސާފައި ވަނީ އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު، މުހައްމަދު ޖުނައިދު ސަލީމެވެ. އެ ކޮމިޓީން ފާސްކުރި އޮނިގަނޑަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 30، ގެ ހަވީރު 4:00 އެވެ.
އޮނިގަނޑަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެމްޖޭއޭގެ އީމެއިލް [email protected] އަށް މެއިލް ކުރުމަށް އެ ޖަމިއްޔާ އިން ވަނީ އެދިފަ އެވެ.
އެ ކޮމިޓީން ފާސްކުރީ އެމްޖޭއޭއިން އުފައްދާ ޕްރެސް ކައުންސިލުގައި ޖުމުލަ ނުވަ މެންބަރުން ތިބޭ ގޮތަށެވެ. އެއީ އޮންލައިން އަދި ޕްރިންޓް މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެންބަރުންނާއި ބްރޯޑްކާސްޓިން މީޑިއާތަކުން އިންތިހާބު ކުރާ ދެ މެންބަރުންގެ އިތުރުން އާންމުގެ ތެރެއިން އިންތިހާބު ކުރާ ދެ މެންބަރަކާއި މަދަނީ ޖަމިއްޔާތަކުން އިންތިހާބު ކުރާ އެއް މެންބަރެވެ.
އޭގެ އިތުރުން އެ ކައުންސިލުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓު ލެވޭނެ ގޮތާއި ކައުންސިލުގެ މެންޑޭޓުގެ އިތުރުން މަގުސަދާއި ޝަކުވާ ބެލޭނެ ނިޒާމު ވެސް އިއްޔެ ފާސްކުރި އޮނިގަނޑުގައި ހިމަނާފައިވެ އެވެ.
އެ ކައުންސިލުން ބަލާ މައްސަލަތަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތަކާއި އެ ކައުންސިލަށް ނުކުރެވޭނެ ކަންކަމުގެ އިތުރުން އެ ކައުންސިލުގެ މާލީ ކަންކަން ހަމަޖައްސާނެ ގޮތްތައް ވެސް އިއްޔެ ފާސްކުރި އޮނިގަނޑުގައި ހިމަނާފައިވެ އެވެ.
މިފަދަ މަސައްކަތެއް އެމްޖޭއޭ އިން ފެށީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް މަގުވަހިވާ ބާރުތައް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް މުއިއްޒު ތަސްދީގު ކުރެއްވުމުންނެވެ.