ގިނަ އަދަދެއްގެ މީހުންނާއި، މުދަލާއެކު ދަތުރުކުރަމުން ދަނިކޮށް، ހއ. ދިއްދޫގެ އެންމެ ބޮޑު މުދާ އުފުލާ ބޯޓު ފަރަށް އަރައިފި އެވެ.

ފަރަށް އަރާފައި ވަނީ ދިއްދޫއަށް މީހުންނާއި މުދާ އުފުލާ "މެގަ ހޯރަ" ބޯޓެވެ.

ފުލުހުން "ހުރިހާ"އަށް ބުނިގޮތުގައި ގިނަ އަދަދެއްގެ މީހުންނާއެކު މާލެއިން ހއ. އަތޮޅަށް ދަތުރުކުރި ބޯޓެއް ނ. ވަވަތި ކައިރީ ފަރަކަށް އަރައިފައިވާ ކަމަށް އާދިއްތަ ދުވަހުގެ ރޭ 11:25 ހާއިރު ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް އެ ބޯޓުން ދަތުރުކުރި މީހުންގެ އަދަދެއް ސާފެއް ނުވެ އެވެ.

އެ ބޯޓުގައި ކުޑަކުދިންނާ އަންހެނުން ވެސް ތިބިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށް އެ ފުލުހުން ބުންޏެވެ.

އެ ބޯޓުގައި ހއ. އާއި ހދ. އަތޮޅުގެ މީހުން ތިބި ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، ބޯޓުގައި ތިބި މީހުންގެ އަދަދު މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ. ނަމަވެސް ބޯޓު ދަތުރުކުރީ މާލެއިން ގިނަ އަދަދެއްގެ މުދަލާއެކުކަން އެނގިފައިވެ އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ފަރަށް އަރާފައިވާ ދިއްދޫގެ "މެގަ ހޯރަ" ބޯޓަކީ ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށުގެ މުދާ އުފުލާ އެންމެ ބޮޑު ބޯޓުގެ ގޮތުގައި މަޝްހޫރު ވެފައިވާ ބޯޓެވެ. އެ ބޯޓުން ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.