ވ. ފުލިދޫ ބިން ހިއްކަން ބޭނުންވާނަމަ އެ ރަށު ކައުންސިލުން ސަރުކާރަށް ލިޔުމެއް ފޮނުވަންޖެހޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފުލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ބ. ދޮންފަނު ބިން ހިއްކަން ނިންމުމަށްފަހު ނިންމުން ބަދަލުކުރަން ޖެހުނު ފަދަ ކަމެއް ވުމަށް ދެން ބޭނުންނުވާ ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި ފުލިދޫ ކައުންސިލުން ލިޔުމެއް ފޮނުވަންޖެހޭ ސަބަބަކީ އެ ރަށު ބިން ހިއްކަން ހަވާލުކުރުމުން އެކަމާ ދެކޮޅަށް ބަޔަކު ނުކުމެއްޖެ ހާލަތުގައި، އެ ލިޔުން "ދެއްކޭނެ" ތީ އެވެ.
"މިސާލަކަށް ތިބޭފުޅުންގެ ރަށަށް ބޭނުންވާ ބިން ހިއްކުމާއި ދެކޮޅަށް ބަޔަކު މަސައްކަތެއް ކޮށްފިއްޔާ، އެކަމަށްޓަކައި ވެސް ދެއްކެން އޮންނާނެ ލިޔުމަކަށް ވާނެ އެ ލިޔުން،" ރައީސް ވިދާޅުވި އެވެ.
ފުލިދޫ ފަޅުން 12 ހެކްޓަރުގެ ބިން ހިއްކިދާނެ ކަމަށާއި މިއަދު އެމްޓީސީސީ އާ ހަވާލުކޮށްގެން ފެށި ބަނދަރުގެ މަސައްކަތުގެ ތެރެއިން އެކަން ކުރެވިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަމު މިކަމަށްޓަކައި އަޅުގަނޑަށް މި ލިޔުން ފޮނުވައިދިނުމަކީ ވަރަށް އެދޭ ކަމެއް. އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އަޅުގަނޑަށް އެބައޮތް. ދާދި އަވަހަށް ލަސްތަކެއް ނުކޮށް އެފަދަ ލިޔުމެއް ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ފޮނުވައިދިނުމަށް ވަރަށް ބޮޑަށް އެދެން،" ރައީސް ވިދާޅުވި އެވެ.