ރާއްޖޭގައި އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމު ނެތިގޮސްފައިވާތީ، ނޫސްތައް ރެގިއުލޭޓް ކުރަން ދިވެހި ނޫސްވެރިން އަމިއްލަ ނިޒާމެއް ގާއިމު ކުރަން މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފި އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލަކީ ސަރުކާރުން އަންގައިގެން ހުށަހެޅި ބިލެއްކަން ފަހުން ވަނީ ހާމަވެފަ އެވެ.
ރައީސް މުހައްމަދު މުއިއްޒު އިއްޔެ އެ ބިލް ތަސްދީގު ކުރެއްވުމާއެކު އެމްޖޭއޭއިން ރޭ ބޭއްވި ބައްދަލުވުމެއްގައި ވަނީ "ފްރީ ޕްރެސް ކައުންސިލެއް" އުފައްދަން ފާސްކޮށްފަ އެވެ.
އެ ކޮމިޓީގައި ހިމެނެނީ
- ދައުރު ނޫހުގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ)
- އެމްޖޭއޭގެ ކޮންސަލްޓަންޓު މުހަމަދު ޖުނައިދު
- މިހާރު ނޫހުގެ މުހައްމަދު ހަމްދޫން
- އައިޝަތު ޝިއުރާ
- މިހާރު ނޫހުގެ ނާޒިމް ހަސަން
މީޑިއާ ކޮންޓްރޯލް ކުރަން އުފައްދާފައިވާ ކޮމިޝަން ބޮއިކޮޓް ކުރަން ވެސް އެމްޖޭއޭ އިން ވަނީ ނިންމާފަ އެވެ.
މީގެއިތުރުން ސެޕްޓެމްބަރު 16 ވަނަ ދުވަހު ފުލުހުން ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ އާއި ނޫސްވެރިންގެ މުދަލަށް ގެއްލުން ދިން މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގެ އިތުރުން ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ.