ޖަސްޓިން ބެލްޑޯނީއާއި ބްލޭކް ލައިވްލީގެ މެދުގައި މިހާރު ކުރިއަށްދާ ގާނޫނީ ކޯޅުމުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ހެކިބަސް ނުނަގަން ކޯޓުން ނިންމައިފި އެވެ.

ކޯޓުން މި ނިންމުން ނިންމާފައިވަނީ އޮކްޓޯބަރު 20 ވަނަ ދުވަހުގެ ކުރިން ޓޭލާއަށް ކޯޓަށް ހާޒިރު ވެވެން ނެތް ކަމަށް ބުނެ ހެެކިބަސް ނެގުމުގެ މުއްދަތު އިތުރުކޮށްދޭން ޖަސްޓިންގެ ވަކީލުން އެދިފައިވަނިކޮށެވެ.

މައްސަލަ ބެލި ފަނޑިޔާރު ލުވިސް ލިމަން ވިދާޅުވީ ހެކި ހުށައަޅަން ޖަސްޓިންއަށް މިހާރު ދީފައިވާ މުހުލަތު ކަމަށްވާ ސެޕްޓެމްބަރު 30 އަށްވުރެ އިތުރު ކޮށްދެވެން ނެތް ކަމަށެވެ.

ޖަސްޓިންއާއި ބްލޭކްގެ ކޯޅުމުގެ ތެރެއަށް ޓޭލާ ވައްދާފައިވަނީ އެ ދެމީހުން އެކުގައި މަސައްކަތް ކުރި ދުވަސްވަރު ޓޭލާ ވެސް އެކުގައި އުޅުނު ކަމަށް ބުނެ އެވެ.

2024 ވަނަ އަހަރު ޖަސްޓިންއާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބްލޭކް ހުށައެޅީ އެމީހުން އެކުގައި މަސައްކަތްކުރި ފިލްމު "އިޓް އެންޑްސް ވިތު އަސް"ގެ ސެޓުގައި ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އެވެ.

އެ ދައުވާއަށް އިންކާރު ކުރަމުން ޖަސްޓިން ވަނީ ބްލޭކްގެ މައްޗަށް އަބުރުގެ ދައުވާކޮށް ލިބުނު ގެއްލުމުގެ ބަދަލުގައި 400 މިލިއަން އެމެރިކާ ޑޮލަރު ހޯދަން ހުށައަޅާފަ އެވެ.