އިޒްރޭލުގެ ފިލްމު އުފައްދާ ކުންފުނިތައް ބޮއިކޮޓް ކުރަން ކުރިއަށް ގެންދާ ޕެޓިޝަނެއްގައި 4000 އަށްވުރެ ގިނަ ހޮލީވުޑް ތަރިން ސޮއިކޮށްފި އެވެ.
ގިނަ އަދަދެއްގެ ތަރިން އެ ޕެޓިޝަންގައި ސޮއި ކޮށްފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ކުރިއަށް ގެންދާ ގަތުލުއާއްމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
މިދިޔަ އަންގާރަ ދުވަހު ފަސް ބަހަކުން ނެރުނު ބަޔާނެއްގައި ހޮލީވުޑްގެ ތަރިން ވަނީ ގަތުލު އާއްމަށް ނިމުމެއް ގެނައުމަށް ފިލްމީ ދާއިރާގައި މަސައްކަތްކުރާ އެންމެންނަށް ގޮވާލާފަ އެވެ.
އެ ބަޔާނުގައި ސޮއިކުރި ހޮލީވުޑް ތަރިންގެ ތެރޭގައި އެމާ ސްޓޯން، އަލީސާ މިލާނޯ، އޮލީވިއާ ކޮލްމަން އަދި އެ ނޫން ވެސް ގިނަ ތަރިންތަކެއް ހިމެނެ އެވެ.
އެ ބަޔާނުގައި ފަލަސްތީނުގައި މިހާރު ކުރިއަށްދާ ގަތުލު އާއްމަށް އެއްވެސް ގޮތަކުން ވާގިވެރިވާ އިޒްރޭލުގެ ކުންފުނިތަކާއެކު މަސައްކަތް ނުކުރަން ސޮއިކުރި ތަރިން ނިންމާފައިވެ އެވެ.
"އިޒްރޭލުގެ އެއްވެސް ފިލްމު ކުންފުންޏަކުން ފަލަސްތީނުގެ މިނިވަންކަމާއި އެ ގައުމުގެ ހައްގުތައް ބަލައިގަނެފައެއް ނުވޭ" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ހޮލީވުޑްގައި ފަލަސްތީނާއި އެ ގައުމުގެ މުސްލިމުންގެ ހައްގުތަކަށް ވަކާލާތުކުރާ ގިނަ ތަރިންތަކެއް އުޅޭއިރު އިޒްރޭލަށް ތާއީދުކުރާ މަދު ތަރިންތަކެއް ވެސް އުޅެ އެވެ.