މުޅިން އާ އީޖާދީ ބަދަލުތަކަކާއެކު މިހާތަނަށް ނެރޭ އައިފޯންގެ އެންމެ ތުނި އަދި އެންމެ ވަރުގަދަ ފޯނު އެޕަލް ކުންފުނިން ތައާރަފް ކޮށްފި އެވެ.
"އެޕަލް އައިފޯން އެއާ"ގެ ނަމުގައި ނެރުނު އެ ފޯނު ތައާރަފް ކޮށްފައިވަނީ ރޭ އެކަމަށްޓަކައި ބޭއްވި ހަފްލާގަ އެވެ. އައިފޯން އެއާގެ އިތުރުން ވެސް އައިފޯންގެ ތިން މޮޑެލްއަކާއި އައިވޮޗްގެ މޮޑެލްތަކެއް ވެސް އެޕަލްއިން ތައާރަފްކުރި އެވެ.
އެޕަލްއިން ބުނާ ގޮތުގައި އައިފޯން އެއާއަކީ މިހާތަނަށް އެ ކުންފުނިން ނެރެފައިނުވާ ވަރުގެ ވަރުގަދަ ފޯނެކެވެ. ބޯމިނުގައި އެންމެ 5.6 މިލިމީޓަރު ހުންނަ އެ ފޯނުގެ ދެފަރާތަށް ވެސް ހުންނާނީ ސެރަމިކް ޝީލްޑް ލައްވާފަ އެވެ.
އައިފޯން އެއާގެ ތަފާތު ފީޗާސްތަކުގެ ތެރޭގައި ފްރަންޓް ކެމެރާއާއި ބެކް ކެމެރާއިން އެކުގައި ރެކޯޑް ކުރެވުމާއި ބެޓެރީ ލައިފް 24 ގަޑިއިރަށް ހިފެހެއްޓުން ހިމެނެ އެވެ.
އައިފޯން އެއާގެ އަގު 999 އެމެރިކާ ޑޮލަރުން ފެށޭއިރު މި ފޯނަކީ ސްމާޓް ފޯން ދާއިރާއަށް ބޮޑު އިންގިލާބެއް ގެންނާނެ ފޯނެއް ކަމަށް މާހިރުން ގަބޫލު ކުރެ އެވެ.
އައިފޯން އެއާގެ އިތުރުން ރޭގެ އިވެންޓުގައި އެޕަލްއިން ތައާރަފްކުރި އައިފޯން 17 އަކީ ވެސް ފާހަގަކޮށްލެވޭ ގިނަ ފީޗާސްތަކެއް ހިމެނޭ ފޯނެކެވެ. ޑިޒައިނަށް މާބޮޑު ބަދަލެއް ގެނެސްފައި ނުވި ނަމަވެސް އެ ފޯނުގެ ކެމެރާ ކޮލިޓީ ވަނީ ވަރަށް ބޮޑުތަނުން ރަނގަޅު ކޮށްފަ އެވެ.
ރޭ ތައާރަފްކުރި އެޕަލް އައިވޮޗް 11 ސީރީޒްއަކީ ލޭ މައްޗަށް ދިއުމާއި ނިދުން ފަދަ ސިއްހީ ކަންކަން މޮނިޓާ ކުރެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ އުފެއްދުމެކެވެ.
އެއާއެކު ލައިވް ޓްރާންސްލޭޝަންއާއި ނޮއިސް ކެންސަލޭޝަން ފީޗާސްތަކާއެކު ތައާރަފްކުރި އެއާޕޮޑްސް ޕްރޯ 3 އަކީ ވެސް ފާހަގަ ކޮށްލެވޭ އުފެއްދުމެކެވެ. އެހެން ބަހަކުން މީހަކު ވާހަކަ ދައްކާނަމަ އެއާޕޮޑްސް 3 ޕްރޯއިން އަޑު އިވޭނީ ބޭނުންވާ ބަހަށް ތަރުޖަމާ ވެގެންނެވެ.
އެޕަލްއަކީ ޓެކްނޮލޮޖީގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ކުންފުންޏަކަށް ވާއިރު އެ ކުންފުނީގެ އާ އުފެއްދުންތަކަށް އަބަދުވެސް ބޮޑު ތަރުހީބެއް ލިބެ އެވެ.