ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިނާޔަތްތައް ކުޑަކުރަން ގޮވާލަނީ ހައެއްކަ ނޫސްވެރިން ކަމަށާއި އެކަން އެގޮތަށްކޮށްފިނަމަ ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ މަޖިލިސް މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވަނީ މަޖިލިސް މެންބަރުންނާއި ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކުޑަކުރަން ބޭނުންފުޅުވާކަން ހާމަކުރައްވާފަ އެވެ.

އެކަމާ ދެކޮޅު ހެއްދެވި މެންބަރުންގެ ތެރޭގައި މެންބަރު ހަސަން މުފީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އޭނާ ވިދާޅުވީ މެންބަރުންގެ އިނާޔަތްތައް ކުޑަކުރަން ގޮވާލަނީ ހައެއްކަ ނޫސްވެރިން ކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެކެވެ. ނޫސްތަކުގައި އެކަމާ ގުޅޭގޮތުން ލިޔުންތައް ލިޔެފައިވަނީ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ކަންބޮޑުވުންފާޅުކުރަމުންދާތީ އެވެ.

މި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން އަންނަނީ ނޫސްވެރިންނަށް ކުޑައިމީސްކޮށް، ނޫސްވެރިންގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވަމުންނެވެ.

މެންބަރުންގެ އިނާޔަތް ކުޑަކުރަން ދެކޮޅު ހެއްދެވި މެންބަރުންގެ ތެރޭގައި ރައީސް މުއިއްޒު އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޭބެ، މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު (ޖަނާބު) ހިމެނެ އެވެ.

ޖަނާބު ވިދާޅުވީ މެންބަރުންގެ އިނާޔަތް ކުޑަކުރުމަކީ އެމްޑީޕީގެ "ގަޅީގައި" ޖެހުން ކަމަށެވެ.

"އެމްޑީޕީ ބޮޓުންގެ މަކަރުގައި ޖެހިވަޑައިނުގަންނަވާ. އެމްޕީންގެ މުސާރަ ކުޑަކޮށް އިނާޔަތް ކެނޑުމުން ގެއްލުންވާނީ ސީދާ ވޯޓަށް،" އޭނާ ވިދާޅުވި އެވެ.

ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ވިދާޅުވީ ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކުރަން އުޅޭއިރު، ޕީއެންސީގެ މިހާރުގެ ހުރިހާ މެންބަރުންނަކީ ކުރީގެ މެންބަރުންނަށް އަދި ބަދަލުވާނެކަން ހަނދާންކުރަންޖެހޭ ކަމަށެވެ. އަދި އެ އިނާޔަތް ކުޑަކޮށްގެން ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.