ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލިޔަސް މި ސަރުކާރުން އެ ޕްލޭނަށް އަމަލުކުރާނެ ކަމުގެ އުންމީދެއް ނެތުމުން އެ ޕްލޭން އެކުލަވާލުމުގައި ބައިވެރިނުވާން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.

އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ކަންކަން ކުރަމުން ދަނީ ހިތުހުރި ގޮތަކަށް ކަމަށެވެ.

އެގޮތުން ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފެށުމުގެ ކުރިން ވެސް އެކަށީގެންވާ މިންވަރަށް އެކި ފަރާތްތަކާ މަޝްވަރާ ކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކުރިން ފަށާފައި ހުރި އެތައް މަޝްރޫއެއްގެ މަސައްކަތް ހުއްޓާފައި ބޭއްވުމަށްފަހު އެއްވެސް ޕްލޭނެއް ނެތި އެހެން މަޝްރޫއުތައް ހިންގަމުންދާކަން އެ ޕާޓީން ބުންޏެވެ.

"ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވައިލާ ގައުމީ ތަރައްގީގެ ޕްލޭނެއް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް މި ޕާޓީން ގަބޫލު ކުރަމެވެ. އެހެންނަމަވެސް ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތާމެދު އިންތިހާއަށް ކަންބޮޑުވަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ގައުމީ ތަރައްގީގެ ޕްލޭނެއް ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލަން ނިންމީ ވެސް އެއްވެސް ފަރާތަކާ މަޝްވަރާކުރުމެއް ނެތި ކަމަށެވެ.

ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވަައިލާނެކަން މުއިއްޒު އިއުލާނު ކުރެއްވި ފަހުން ވެސް އެއްވެސް ރޭވުންތެރިކަމެއް ނެތި ރާއްޖޭގެ އެކި ކަންކޮޅުގައި އެއާޕޯޓު އެޅުމާއި އުމްރާނީ އެކިއެކި މަޝްރޫއުތައް އިއުލާނު ކުރުމާއި ފަށާފައި ނުނިމި ހުރި އެތައް މަޝްރޫއުއެއް ހުއްޓައި އަލުންބަލުން އެހެން މަޝްރޫއޫތައް ފަށަމުން އައުމަކީ ވެސް އެކަމުގައި ބައިވެރިނުވާން ނިންމި ސަބަބެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

"މިގޮތުން މާލެ ސަރަހައްދުގައި ބިން ހިއްކަން ފަށާފައި ހުރި ތަންތަން ނުނިންމައި ފުށިދިއްގަރު ފަޅު ހިއްކުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދެ އެވެ. އަތޮޅު ކައުންސިލްތައް އުވައިލުމަށް އަދި ރަށްރަށުން މީހުން ބަދަލު ކުރުމަށް ވެސް ދަނީ އިއުލާނު ކުރަމުންނެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ސަރުކާރުން އަމަލުކުރަމުންދާގޮތަށް ބަލާއިރު، ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.