އިޒްރޭލުން ޣައްޒާގައި ހިންގަމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މަރުވަމުންދާ އަންހެނުންނާއި ކުޑަކުދިންގެ މަންޒަރުތައް އެމެރިކާގެ މީޑިއާތަކުން ދެއްކުމަށް އެމެރިކާގެ އިސްލާމިކް ގުޅުންތަކުގެ ކައުންސިލް (ކެއާ) އިން ގޮވާލައިފި އެވެ.
ކެއާ އިން އެމެރިކާގެ މައި މީޑިއާ ވިއުގަތަކަށް ފޮނުވި ސިޓީއެއްގައި ބުނީ ޣައްޒާއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކާއި ކުޑަކުދިން މަރުވަމުންދާ މަންޒަރުތައް އެމެރިކާގެ މީޑިއާތަކުން ދެއްކުމަށް ގޮވާލާކަމަށެވެ.
ކެއާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިބްރާހިމް ހޫޕާ ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ އަދި މިނިވަން މީޑިއާތަކުގައި ޣައްޒާގެ ހަލާކުގެ މަންޒަރުތައް ދައްކަމުންދާއިރު، އެމެރިކާގެ މައި މީޑިއާތަކުގައި މި މަންޒަރުތައް އެހާ ގިނައިން ނުދައްކަ އެވެ.
"ޣައްޒާގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ މި ދަނޑިވަޅުގެ އެންމެ މުހިންމު ބައިނަލްއަގުވާމީ ވާގިއާ. އެމެރިކާ ސަރުކާރުން އިޒްރޭލުގެ ގަތުލުއާއްމަށް ދެމުންގެންދާ އެހީތެރިކަމުގެ އިންސާނީ އަސަރު ދެނެގަތުމުގެ ހައްގު އެމެރިކާގެ ރައްޔިތުންނަށް ލިބެންޖެހޭ،" ހޫޕާ ވިދާޅުވި އެވެ.
ޣައްޒާގެ ހަނގުރާމަ ފެށުނީއްސުރެ އެމެރިކާއިން ވަނީ އިޒްރޭލަށް ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދީފަ އެވެ.
މާހިރުން ފާހަގަކުރާ ގޮތުގައި މި އެހީތެރިކަމަކީ ޣައްޒާގައި އިޒްރޭލުން ކުރަމުންދާ ދެ އަހަރާ ގާތްކުރާ ހަމަލާތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
"އެހެން މިނިވަން އަދި ބޭރުގެ މީޑިއާތަކެކޭ އެއްފަދައިން، އެމެރިކާގެ ހަތިޔާރުން އިސްރާއީލުން އަޅާ ބޮންތަކުގެ ދަށުން މަރުވަމުންދާ ކުޑަކުދިންނާއި އާއިލާތަކުގެ މަންޒަރުތައް، މި ވަގުތު ބޭނުންވާ ސަމާލުކަމާއެކު ދެއްކުމަށް އަޅުގަނޑުމެން ގޮވާލަމެވެ،" ހޫޕަ ސިޓީގައި ވިދާޅުވެފައިވެ އެވެ.
މި ސިޓީ ފޮނުވާފައި ވަނީ އޭބީސީ، އެންބީސީ، ސީބީއެސް، ސީއެންއެން، އެމްއެސްއެންބީސީ އަދި ފޮކްސް ފަދަ އެމެރިކާގެ ބޮޑެތި މީޑިއާ ވިއުގަތަކުގެ އިސްވެރިންނަށެވެ.