އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ސިޓީ ހޮޓާ، އެޗްޑީސީއާ އެކު 20 މިލިއަން ޑޮލަރަށް އަގުކޮށް، ފޭސް ދޭއްގެ ބިމަކާ ބަދަލުކޮށްފި އެވެ.

އެކަމާ ބެހޭ އެއްބަސްވުމުގައި މިދިޔަ އާދީއްތަ ދުވަހު ސޮއިކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މި އަހަރު ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވަނީ ސިޓީ ހޮޓާ ތަރައްގީކުރަން ދިން ބިމުގެ ބަދަލުގައި ހުޅުމާލެއިން ބިމެއް ދޭން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.

އެ ހޮޓާ ހިންގަން ހާއްސަކޮށް އުފެއްދި އަމިއްލަ ކުންފުންޏެއް ކަމަށްވާ "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް"އާ މިދިޔަ މެއި މަހު ވަނީ ހަވާލުކޮށްފަ އެވެ. އެތަން ތަރައްގީކުރަނީ އޮފީސް އިމާރާތްތައް ވެސް ހިމެނޭގޮތަށެވެ.

އެ ސިޓީ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ ގައި މީޑިއާ ވިލެޖާއި ޔޫތް ސެންޓަރު (އީ-ސްޕޯޓްސް) އާއި ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖް ހަދަން ނިންމާފައިވެ އެވެ. އެ ތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގަ އެވެ.

އެ ހޮޓަލުގެ ބާކީ ޖާގައިގައި ފަސް ތަރީގެ ފެންވަރުގެ 158 ކޮޓަރި ހަދައި، 9 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެންނަން ވަނީ ހަމަޖެހިފަ އެވެ.