އެމްޓީޑީސީ އިން މީގެ އެތައް އަހަރެއް ކުރިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ފަށައި ނުނިމި އޮތް ހދ. ނާގޯށި މަޝްރޫއު ކުރިއަށް ގެންދާނެ ގޮތްތައް ހޯދާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. ނާގޯއްޓަކީ ސަރުކާރުގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީއަށް ރިސޯޓް ތަރައްގީކުރަން ދޫކޮށްފައި އޮތް ރަށެކެވެ. ނާގޯށީގައި ރިސޯޓެއް ތަރައްގީކުރަން އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ 2006 ވަނަ އަހަރު އެވެ. އޭރު އެ ރަށުގައި ރިސޯޓެއް ތަރައްގީކުރުމަށް ސަބްލީޒްކުރީ ރަޝިއާގެ ކުންފުންޏަކަށެވެ. އެ ފަރާތުން ޚަރަދުކޮށް މަސައްކަތްތަކެއް ވެސް ކުރި އެވެ. ނަމަވެސް 2012 ވަނަ އަހަރު ދިމާވި މާލީ ހާލަތާއި ގުޅިގެން އެކުންފުންޏަކަށް ޕްރޮޖެކްޓް ކުރިއަށް ނުގެންދެވުނެވެ.

2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް ނެގުމަށްފަހު 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން ރަށް ލިބުމުން އެ އަހަރު ވަނީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ރަށް ތަރައްގީކުރުމަށް ދީފަ އެވެ. ނަމަވެސް 3 އަހަރު ވެގެންދިޔައިރު ވެސް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ. އެހެންކަމުން އެގްރިމެންޓް ވަނީ އުވާލާފަ އެވެ.

ހދ. ނައިވާދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޓޫރިޒަމް ނެތް އަތޮޅުގެ ލޭބަލް ހދ. އަތޮޅުން ނައްތާލައި، އެއަތޮޅަކީ ޓޫރިޒަމް ފައްކާވެފައިވާ އަތޮޅަކަށް ހައްދަވާނެ ކަމަށެވެ. އެގޮތުން މަސައްކަތްކޮށް ހުއްޓިފައިވާ ނާގޯށި މަޝްރޫއު ވެސް ކުރިއަށް ގެންދާނެ ގޮތްތައް ހޯދާފައިވާ ކަމަށް ވިދާޅުވެ، އެ މަޝްރޫޢު ބާރަށް ކުރިއަށްދާނެކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ރައީސް ވިދާޅުވީ ނާގޯށި އަލުން އެމްޓީޑީސީއަށް ދީ ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން މަގުފަހިކޮށްދެއްވައިގެން، އެމްޓީޑީސީގެ ފަރާތުން މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މޮބިލައިޒްކޮށްފައިވާ ކަމަށެވެ. އަދި އެއީ ވަރަށް ދުވަސްވީ މައްސަލައެއް ނަމަވެސް މިހާރު ބާރު ދުވެލީގައި ކުރިއަށް ގެންދާނެ ގޮތް ފަހިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހދ. ގައި ޓޫރިޒަމް ފައްކާކުރުމަށް ގޮތްތަކެއް ހޯދާއިވާއިރު ނަތީޖާ ފެންނާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަމާޒަކީ ހދ އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ޓޫރިޒަމް ތަރައްޤީވެފައިވާ އަތޮޅަކަށް ހެއްދެވުން ކަމަށެވެ. އެގޮތުން ހދ އަތޮޅުގެ ވަރަށް ގިނަ ފަޅުތައް މިހާރު ވެސް ގިނަ ލުއިތަކާއިއެކު ޓޫރިޒަމް ތަރައްގީކުރުމަށް ހުޅުވާލާފައިވަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހދ. އަތޮޅު ހިމެނޭހެން ފަތުރުވެރިކަން ތަރައްގީ ނުވެ އޮތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް ދެއްވުމަށް ކަނޑައަޅުއްވާފައިވާ ލުއިތައް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ސަރުކާރުން އާންމުކުރެއްވުމާއެކު އެކަމަށް އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވާކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

މިއާއެކު ހދ. އަތޮޅުގައި ޓޫރިޒަމް ނެތުމުގެ ލޭބަލް ނައްތާލައި ޓޫރިޒަމް ފައްކާވެފައިވާ އަތޮޅަކަށް އެއަތޮޅު ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.