އއ. މާޅޮސް، އޯކިޑްމާގެ، އަބްދުއްރަހްމާން އާދަމް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައިނުވާއިރު، ރައީސް މުހައްމަދު މުއިއްޒަށް ޖޯކު ޖެހި މުވައްޒަފަށް ވަގުތުން ފިޔަވަޅު އެޅި އެވެ.

ރައީސް މުއިއްޒު އއ. ރަސްދުއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް އެ އަތޮޅު ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަފީގު ފޭސްބުކުގައި އެމަނިކުފާނަށް ޖޯކުޖަހައި ޕޯސްޓެއް ކުރި އެވެ.

އެ ޕޯސްޓްގައި ވަނީ ރަށްރަށް ވަޑައިގެން ރައީސް ރިބަން ކަނޑާ ވާހަކަ އެވެ. އަދި އެހެން ރިބަން ކަނޑަމުން ގޮސް ސްކޫލް ކުދިންގެ ބޮލުގައި ޖަހާފައި ހުންނަ ރިބަން ވެސް ކަނޑާފާނެ ކަމަށް ޝަފީގު ލިޔެފައިވެ އެވެ. މިކަމާ ގުޅިގެން ސިވިލްސާވިސް ކޮމިޝަނުން ވަނީ އޭނާ ވަގުތުން ސަސްޕެންޑުކޮށްފަ އެވެ.

އަބްދުއްރަހްމާން މަރުގެ މައްސަލާގައި ފުލުހުން ހައްޔަރުކުރި މާޅޮސް، ލިލީފެހި، މުހައްމަދު ވިސާމަކީ އެ ރަށު ޔޫތު އެސޯސިއޭޓް ކަމުގެ މަގާމަށް ރައީސް މުއިއްޒު އައްޔަންކުރައްވާފައިވާ މީހެކެވެ.

އެ މައްސަލާގައި ދެން ހައްޔަރުކުރި އެ ރަށު ފިނިވާގެ، އަހްމަދު ފާރިސް އާއި ފިޔަ، އަހްމަދު އާޝިދަކީ އެ ރަށު ސްޓެލްކޯ އިންޖީނުގޭގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. މިއިން އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އަޅާފައެއްނުވެ އެވެ.