ޓްރީޓޮޕް ހޮސްޕިޓަލުން އިންތިޒާމް ކޮށްގެން ބޭއްވި ހިތަނީ ކޭމްޕް ވަރަށް ކާމިޔާބު ކަމާއެކު ނިމިއްޖެ އެވެ.

އެ ހޮސްޕިޓަލުން ބުނީ މިދިޔަ ޖުލައި 20 އިން އޯގަސްޓް 9 އަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި 120 ކުދިންނަށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. މި ކޭމްޕަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ހިތަނީ ކޭމްޕްތަކުގެ ތެރެއިން އެއް ކޭމްޕެވެ.

އާސަންދައިގެ ދަށުން ދެވުނު މި ޚިދުމަތުގެ ޕެކޭޖްގެ އަގަކީ 5،500 ރުފިޔާ އެވެ. މީގެ ތެރޭގައި ސާޖަރީ، ބޭސް، ޓެސްޓްތައް އަދި ފޮލޯއަޕް ބައްދަލުވުންތައް ހިމެނެ އެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި ކުޑަކުދިންނަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ކޭމްޕްގައި ބައިވެރިވި ހުރިހާ ކުދިންނަށް ހަނދާނީ ހަދިޔާ ދިނެވެ. މީގެ އިތުރުން، ބޭނުންވާ ފަރާތްތަކަށް އިތުރު ފީއަކާއެކު ރޫމް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ވެސް ދިން ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

"ކުދިންނަށް ވީހާ ވެސް ފަސޭހަ އަދި ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދިނިން،" ހޮސްޕިޓަލުގެ ޕޭޝަންޓް ކެއާ މެނޭޖަރު ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި ކޭމްޕްގައި ބައިވެރިވި ގިނަ ބެލެނިވެރިން ޚިދުމަތުގެ ފެންވަރާމެދު ހިތްހަމަޖެހޭ ކަމަށް ފާހަގަކޮށްފައިވެ އެވެ.

"ވަރަށް ރަނގަޅު ޚިދުމަތެއް ލިބުނު. ޑޮކްޓަރުންނާއި ނަރުހުން ވަރަށް ގާތުން އަޅާލައި ބެލެހެއްޓި،" ކޭމްޕްގައި ބައިވެރިވި ކުއްޖެއްގެ މަންމަ ބުންޏެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ހިތަނީ ކޭމްޕެއް ބޭއްވުމަށް އެ ހޮސްޕިޓަލުން ވަނީ ރާވާފަ އެވެ. މި ކޭމްޕްގެ ތާރީޚްތައް އިއުލާނު ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި ކުރިއަށް އޮތް ކޭމްޕްގައި ވެސް މިފަހަރުގެ ކޭމްޕެކޭ އެއްފަދައިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް ހޮސްޕިޓަލުން ޔަގީންކަން ދެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ.

މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ޚިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ފަރުވާތަކުގެ ޚިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.