މީޑިއާތަކާއި ނޫސްވެރިން ވެސް ހިމެނޭ ގޮތަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ރެގިއުލޭޓްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ދިރާސާކޮށްފައި މެންބަރުން ބަހުސް ކުރުމަށް ޖާގަ ދިނުމުގެ ގޮތުން އަންނަ ދައުރަށް ބަހުސްގެ ބާކީ ބައި ކުރިއަށް ގެންދަން މިއަދު ނިންމައިި އެވެ.

މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ކުރިން ވެސް މިފަދަ ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ. ބިލުގެ ފުރަތަމަ ކިއުން އިއްވައި ބިލުގެ އިބްތިދާއީ ބަހުސް ވެސް ފެށީ މިއަދެވެ.

އެ ގޮތުން 52 ސަފުހާގެ ބިލެއްގެ އިބްތިދާއީ ބަހުސް، ބިލު މަޖިލީހަށް ތައާރަފުކުރި ދުވަހު ފެށުމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި މި ބިލާ ދެކޮޅަށް ބައެއް ނޫސްވެރިން މަޖިލީހުގެ ގެލެރީގައި ހިމޭން އިހުތިޖާޖެއް ކުރިއަށް ގެންދިއަ އެވެ.

ބިލަށް ބަހުސްކުރެއްވި ޕީއެންސީގެ މަދު މެންބަރުންތަކެއް ވާހަކަ ދެއްކެވީ މީޑިއާ ރެގިއުލޭޓްކުރުމަށް ހަރުކަށި އުސޫލުތަކެއް އޮތުމަށް ތާއީދުކޮށެވެ. އަދި މިހާރު އޮތް ބިލަށް ހުރި ކަންބޮޑުވުންތައް ބަލާފައި ކޮމިޓީ މަރުހަލާގައި އިސްލާހުކުރުމަށެވެ.

އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުުކުރެއްވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުރަތަމަ ފާހަގަކުރެއްވި ކަމަކީ ބިލެއްގެ ފުރަތަމަ ކިއުން އިއްވާ ދުވަހު ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށް މަޖިލީހުގެ ގަވާއިދު ޖާގަ ދޭ ކަމެވެ.

އޭގެ ފަހުން ބިލުގެ އިބްތިދާއީ ބަހުސް ފަށައިގެން ކުރިއަށް ގެންގޮސް ހަތް މެންބަރުން ވާހަކަ ދެއްކެވުމާ އެކު، އަބްދުއްރަހީމް ވިދާޅުވީ ބިލަށް މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ބަހުސް ކުރައްވަން ބޭނުންފުޅުވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ބަލާފައި މިއަދު ބަހުސް އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލެއްވީ ކަމަށެވެ.

ބިލުގެ އިބުތިދާއީ ބަހުސް މިއަދަށް އިތުރަށް ކުރިއަށް ނުގެންދަން ނިންމި އިރު، މިއަދު ބޭއްވީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ އެވެ. އެހެންކަމުން ބިލުގެ ބަހުސް ދެން ކުރިއަށް ގެންދާނީ އަންނަ ދައުރުގަ އެވެ. އަންނަ ދައުރު ފެށޭނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގަ އެވެ.

ބިލުގައި ވާގޮތުން މި ބިލު ގާނޫނަކަށް ވުމާ އެކު، މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވޭނެ އެވެ. އެެއަށް ފަހު އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ނަމުގައި ރައީސް އުފައްދަވާ އޮފީހަކުންނެވެ.

ބިލުގައި ވާގޮތުން އެ ކޮމިޝަން އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަންކުރާ ތިން މެމްބަރުންނެވެ. އެ ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ މަޖިލީހުންނެވެ. މީގެ އިތުރުން މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން މި ކޮމިޝަނުގައި ހިމެނޭނެ އެވެ.

ކޮމިޝަނަށް މެމްބަރުން އައްޔަންކުރެވެންދެން ކޮމިޝަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން ކަމަށް ބިލުގައިވެ އެވެ. މި ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި މި ގާނޫނުގައި ބުނާ މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަ 5000ރ. އާ 100،000ރ ދެމެދުގެ އަދަދަކަށް މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު އެ ކޮމިޝަނަށް ލޮބިގެން ވެއެވެ. އަދި ކޯޓަށް ގޮސްގެން ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް ލިބިގެންވާއިރު، ކަމެއް ރަނގަޅުކުރަން އަންގާފައިވާ މުއްދަތުގައި އެކަމެއް އިސްލާހުނުކޮށްފި ނަަމަ 5000ރ. އާއި 25000ރ. އާ ދެމެދުގެ އަދަދަކުން ނޫސްވެރިން ޖޫރިމަނާކުރުމުގެ ބާރު ވެސް ލިބިގެން ވެއެވެ.

މީގެ އިތުރުން ޝާއިއުކުރާ ނުވަތަ ބްރޯޑްކާސްޓުކުރާ އެއްޗަކާ ގުޅިގެން މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ ނުވަތަ ލިބިދޭނެ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބެލުުމުގެ ބާރު ވެސް މި ބިލުން ލިބިގެންވެ އެވެ.