ރާއްޖޭގައި ދެން އުފެދޭނީ އެމްޑީޕީ ގެ ވެރިކަމެއް ކަމަށާއި، ކައުންސިލް ތަކަށް އިހު އޮތް ބާރުވެރިކަން އެމްޑީޕީ އިން ދޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ފ. މަގޫދޫ އަށް ވަޑައިގެން އެ ރަށު ކައުންސިލް އިން ތަރައްގީ ކުރި ބައެއް ބިނާތައް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެންމެ އަމާޒެއްގައި ކަމަށާއި، ސަރުކާރުން ބޭނުން ވަނީ ރައްޔިތުން އަޅުވެތި ކުރުވައި ހުރިހާ ބާރުތަކެއް މުށުތެރެއަށް ލުންކަމުގައި ރައީސް ސޯލިހް ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރަށް ރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަކީ އެންމެ އަސާސީ ހިދުމަތް ކަމަށެވެ. އަދި އެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ކޮށްފައިވާވާނެ ކަމަށް ވިދާޅުވި އެވެ.
އެހެން ނަމަވެސް، މިއަދުގެ ސަރުކާރުން ރަށް ރަށުގައި ކުރަން ހުރި މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށާއި، ތަރައްގީގެ މަސްރޫއުތައް ކުރިއަށް ނުގެންދާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
އެކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން މިހާރު އޮތް ސަރުކާރުން ކުރާ ކަމަކީ ރައްޔިތުން އަޅުވެތި ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.
ރައްޔިތުން ހާލުގައި ޖެއްސުމަށް ފަހު ސަރުކާރުން ބޭނުން ވަނީ މަދު ފައިސާ ކޮޅެއް ދީގެން ރައްޔިތުން އަޅުވެތި ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެކަން ފެނިގެން ދާނެ ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އިތުރަށް އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތަނުގައި އުފެނިގެން ދާނީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި، އެ ސަރުކާރުން މަގޫދޫ އެއާޕޯޓުގެ މަސައްކަތް، އެ ރަށު ރައްޔިތުން ބޭނުންވާ ގޮތަށް ނިންމައި ދޭނެ ކަމަށެވެ.
ހަމަ އެހެންމެ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ އެމަނިކުފާނުގެ ސަރުކާރުގައި ހަމަޖައްސާފައިވާނެ ކަަމަށާއި، މި ސަރުކާރުން އެ ފައިސާ އެހެން ކަމަކަށް ބޭނުން ކޮށްފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
އިތުރަށް އެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ ނޫން ބަޔަކު ވެރިކަަމަށް އަންނަ ކޮންމެ ފަހަރަކު، ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަ ކަމަށެެވެ. އެއީ ކައުންސިލްތަކަށް ބާރުވެރިކަން ދޫކޮށްލަން ބޭނުން ނުވާތީ ކަމަށް ވެސް ރައީސް ސޯލިހު އެވެ.
ރައީސް މުއްއްޒުގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ބަދަލުތައް ގެނައި ނަަމަވެސް، ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އަނެއްކާ ވެސް ކައުންސިލްތަކަަށް އިހު އޮތް ބާރުވެރިކަން ދޭނެ ކަމުގައި ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ. އަދި ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.