މީގެ 103 އަހަރު ކުރިން، މީލާދީން 1922 ވަނަ އަހަރު ގަދީމީ އިލްމު އެއްކުރާ ސައިންސްވެރިޔާ ނުވަތަ އާކިއޮލޮޖިސްޓް ހޮވާޑް ކާޓާ މިސްރުގައި ވެރިކަންކުރި ރަސްކަލެއް ކަމަށްވާ ތުއްތު ޚާމޫންގެ ސަންދޯކުގައި ލޯވަޅެއް އަޅައި އޭގެ އެތެރެ ބަލައިލި އެވެ. އޭގެ ތެރެއިން ފެންނަނީ ކޮން އެއްޗެއްތޯ ކައިރީގައި ތިބި އެހެން ސައިންސްވެރި ސުވާލުކުރުމުން ކާޓާއަށް ވަރަށް ހިތްގައިމު އެއްޗެހިތަކެއް ފެންނަ ކަމަށް ބުނެފައިވެ އެވެ.
މާގިނަ ދުވަހެއް ނުވެ ކާޓާގެ ޓީމުގައި ހިމެނޭ އޭނާގެ މަސައްކަތައް ޚަރަދުކުރާ ލޯޑް ކާނާވަން އަށް ގޮތް ނޭނގޭ ބައްޔެއް ޖެހިގެން މަރުވި އެވެ. ޖެހިގެން އައި އަހަރު ކާޓާގެ ޓީމުގައި ހިނެމޭ ގިނަ މެމްބަރުންތަކެއް ހަމަ އެފަދަ ގޮތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހި ހާލުދެރަވެ، ދުނިޔެ ދޫކުރި އެވެ. މި މަރުތަކުގެ ސަބަބުން ޒަމާންތަކެއް ވަންދެން އެތަނުން ރޫޙާނީ ބާރުތަކެއް ނުވަތަ ސިހުރު ހާހޫރައިގެ ކަންތައްގަނޑެއް ވާ ކަމަށް އަޑުފެތުރިފައިވެ އެވެ. އެއަށް "ފަރޮއާސް ކާސް" އޭކިޔެ އެވެ.
އެހެން ނަމަވެސް ފަހުގެ ސައިންސުގެ ހޯދުންތަކުން އެ މަރުތަކުގެ ފަހަތުގައިވާ ހަގީގަތް މިހާރު ވަނީ ދެނެގަނެވިފަ އެވެ. ފަހުގެ މި ހޯދުންތަކުން ދެނެވުނު ގޮތުގައި އެ މަރުތަކުގެ ފަހަތުގައި ވަނީ ރަސްގެފާނު ތުއްތު ޚާމޫންގެ ގަބުރުގައި އަޅާފައިވާ ވަރަށް ނުރައްކާތެރި ފަންގަސްއެކެވެ. މިފަންގަސްއަށް އެ މީހުން ދީފައިވާ ނަމަކީ "އެސްޕާގިލަސް ފްލޭވަސް" އެވެ.
ސައިންސްގެ އެހީގައި މި ނުރައްކާތެރި އެސްޕާގިލަސް ފްލޭވަސް ފަންގަސް މިއަދު ވަނި ކެންސާއަށް ފަރުވާދޭ ހަތިޔާރެއްގެ ގޮތުގައި ދެނެގަނެވިފަ އެވެ.
އެސްޕާގިލަސް ފްލޭވަސް އަކީމުޅިން އާ ފަންގަސްއެއްތަ؟
އެސްޕާގިލަސް ފްލޭވަސް ފަންގަސް އަކީ ވެލީގައި، އަދި ކުނިވަމުންދާ ތަރުގާރީ މޭވާ އަދި ރައްކާކުރެވިފައި ހުންނަ ބަދަން (ގްރެއިން)ގައި އުފެދޭ އާދައިގެ ފަންގަސްއެކެވެ. މިފަންގަސްއަކީ ބަސްދުކުރެވިފައިވާ މަހާނާގައި ހަރަކާތްތެރި ވެވޭނެ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް އެތައް ޒަމާނަކަށް ގަދަ ނިދީގައި ހަރަކާތްތެރި ނޫންކޮށް ދިރި އޮވެވެ އެވެ. އެހެން ނަމަވެސް އެގޮތުގައި ވަނިކޮށް އެއްވެސް ގޮތަކަށް އުނދަގޫކޮށްފި ނަމަ އޭތީގެ ހަށިގަނޑުން "ސްޕޯސް" ނުވަތަ ކުދި ކުދި ޒައްރާތަކެއް ދޫކޮށްލަ އެވެ.
މި ޒައްރާތަކުގެ ސަބަބުން ފުއްޕާމެއަށް ގެއްލުންވާ ފަދަ ބަލިތައް ފެތުރެން މެދުވެރިވެ އެވެ. ހާއްސަކޮށް ދިފާއީ ނިޒާމު ދަށް މީހުންނަށް ބޮޑަށް މީގެ އަސަރު ކުރެ އެވެ. މީލާދީން 1922 ފިރުއައުނުގެ މަހާނަތަކުގެ ހަގީގަތް ހޯދުމަށާއި އަދި 1970 ގައި ޕޮލޭންޑްގެ ކަސިމިރް 4 ގެ މަހާނާއިގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރި ސައިންސްވެރިންގެ މަރުގެ ފަހަތުގައި ވަނީ މި އެސްޕާގިލަސް ފްލޭވަސްކަން މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ.
އެސްޕާގިލަސް ފްލޭވަސްއަކީ ކިތަންމެ ނުރައްކާތެރި ފަންގަސްއެއް ކަމަށް ވި ނަމަވެސް ސައިންސްވެރިން ވަނީ އެފަންގަސްގެ އާދަޔާޚިލާފު ބޭނުމެއް ދާދި ފަހުން ދެނެގަނެފަ އެވެ.
އެމެރިކާގެ ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ ތަހުލީލުކުރާ ޓީމަކުން އެ ފަންގަސް ކެންސަރަށް ފަރުވާކުރެވިދާނެ ފަދަ ވަރަށް ތަފާތު ވައްތަރެއްގެ މޮލިކިއުލްއެއް އުފައްދާކަން ވަނީ ދެނެގަނެވިފަ އެވެ.
ކެންސަރަށް ފަރުވާ ހޯދުމަށް ކުރި ތަހުލީލުގައި ސައިންސްވެރިން ވަނީ ތަފާތު ގިނަ ވައްތަރުތަކެއްގެ އެސްޕާގިލަސް ފަންގަސް މަސައްކަތް ކުރާ ގޮތް ދަސްކޮށްފަ އެވެ. ހުރިހާ ވައްތަރަކަށް ވުރެ ވެސް އެސްޕާގިލަސް ފްލޭވަސް ފާހަގަވީ ކެންސަރަށް ފަރުވާ ކުރުމުގައި އެންމެ ރަނގަޅު ކެންޑިޑޭޓް ކަމަށެވެ.
އެސްޕާގިލަސް ފްލޭވަސް ފަންގަސް ދޫކުރާ މޮލިކިއުލްސް އިންސާނުންގެ ކެންސާސެލްތަކުގެ ތެރެއަށް ވަދެ ކެންސަރު ސެލްތައް އުފެދުން ހުއްޓުވައިދެ އެވެ. ސައިންޓިސްޓުން ވަނީ ފަންގަސް އުފައްދާ މޮލިކިއުލްސް ކެންސަރު ސެލްތަކުގެ ތެރެއަށް ވަދެގަންނަ ގޮތް ވެސް ދެނެގަނެފަ އެވެ.
ސައިންސްވެރިން ބުނާގޮތުގައި ކެންސާސެލްތަކުގެ ތެރެއަށް އެމޮލިކިއުލްސް ވަދެ ގަންނަނީ ވަރަށް ދަތި އުނދަގޫކޮށެވެ.
މިކަން ދެނެގަނެވުމަކީ ބޭހެއް އުފެއްދުމަށް ވަރަށް މުހިންމު މައުލޫމާތުތަކެކެވެ. އިތުރަށް ކުރި ޓެސްޓްތަކުން ދެނެގަނެވުނީ ކެންސާ ސެލްތަކުގެ ތެރެއަށް މޮލިކިއުލްސް ވަދެ ކެންސާ ސެލް ގިނަވުން ހުއްޓުވާ ކަމަށެވެ. އާންމު ގޮތެއްގައި ކެންސާ ސެލްއަކީ އެއްވެސް ކޮންޓްރޯލެއް ނެތި ގިނަވާ އެއްޗެކެވެ.
އެސްޕާގިލަސް ފްލޭވަސްއަކީ މީގެ ކުރިން ސަންދޯއްތަކުގައި ދިރިއުޅޭ ފުރާނައަށް ނުރައްކާތެރި ފަންގަސްއެއް ކަމަށް ބެލެވިފައިވީ ނަމަވެސް މި މުހިންމު ހޯދުމުން އަންގައިދެނީ ދިރޭ ތަކެތިން ފައިދާއާއެކު ގެއްލުން ވެސް ހިމެނިދާނެ ކަމެވެ.
ސައިންސްގެ އެހީގައި ފުރާނައަށް ނުރައްކާތެރި މި ބިރުވެރި ފަންގަސް މި ވަނީ އެތައް ކެންސަރު ބަލި މީހުންގެ އުންމީދު އާކޮށްދީފަ އެވެ. އަދި ޝައްކާއި ވަސްވާސްއަށް ޖާގަ ނުދީ ކަންކަން ބަލާ ހޯދުމުގެ މުހިންމުކަން އަނގައިދީފައި އެވެ.