ޑިވެލޮޕްމަންޓް ބޭންކު އުފެއްދިތާ އަށް މަސް ވެފައިވާއިރު، އެ ބޭންކުގެ އެއްވެސް ފައިދާއެއް ނުވެ، އެ ތަނުގެ މަސައްކަތްތަކަށް ހަތަރު މިލިއަން ރުފިޔާ އެމްޓީސީސީއަށް ދިންކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަހުމަދު މައުރޫފް ހުށަހެޅުއްވި އާރްޓީއައި ކަމަށް ދިން ޖަވާބުންނެވެ.

އޭނާ ކުރެއްވި ސުވާލަކީ ޑިވެލޮޕްމަންޓް ބޭންކު ގާއިމުކުރުމަށް އެލައިޑް ބިލްޑިން ތައްޔާރުކުރުމަށް އެމްޓީސީސީން ކުރި ޑިޒައިން، މެއިންޓަނަންސް އަދި އިންޓީރިއާ މަސައްކަތަށް އިކޮނޮމިކް މިނިސްޓްރީން ދޭންޖެހޭ އަގުގެ ތެރެއިން އެއްވެސް ވަރެއް މިހާތަނަށް ދީފައިވޭތޯ އެވެ.

އެ މިނިސްޓްރީން މިއަދު ދިން ޖަވާބުގައި ބުނީ، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ހަމައަށް، އެލައިޑް ބިލްޑިންގައި ޑިވެލޮޕްމަންޓް ބޭންކުގެ އޮފީސް ގާއިމުކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް 4،500،475.18 ރުފިޔާ އެމްޓީސީސީއަށް ދައްކާފައިވާ ކަމަށެވެ.

މީގެކުރިން ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ މިދިޔަ މާޗު މަހުގެ 25ގެ ނިޔަލަށް, އެ ކަމާ ގުޅޭ އެކިއެކި ކަންކަމަށް ފިނޭންސް މިނިސްޓްރީން 6.5 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ހަރަދުތަކުގެ ތަފްސީލެއް ހާމައެއްނުކުރެ އެވެ.

އެ ބޭންކަށް ހަމަޖެއްސި ރާއްޖެއިން ބޭރުގެ ސީއީއޯ ވެސް ވަނީ އިސްތިއުފާދިނުމަށްފަހު މުސާރަ ހޯދަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފަ އެވެ. އަދި އެ ބޭންކުގެ ބޯޑު މެންބަރުން އިސްތިއުފާދިނުމުން އާ މެންބަރުން ވަނީ އައްޔަންކޮށްފަ އެވެ.

އެކަމަކު އެ ބޭންކުގެ ހިދުމަތް މިހާތަނަށް ފަށާފައެއްނުވެ އެވެ.