ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރުތައް ހަނި ކުރަން ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށްފަހު، ކައުންސިލްތަކަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކަން މަޖުބޫރުކޮށް އަނެއްކާ ވެސް ގާނޫނު އިސްލާހުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް ކުރައްވާ ދަތުރުގައި ދަރަވަންދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ކައުންސިލްތަކުން އާމްދަނީ ހޯދަނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށާއި އެގޮތުން ގާނޫނުގައި އޮތް ގޮތަށް ކައުންސިލަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކަން މަޖުބޫރުކުރުވަނީ ވެސް ރައްޔިތުންނަށް ސަރުކާރުން ކަންކަން ކޮށްދޭން މަގުފަހި ކުރުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކައުންސިލުތަކަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކަން މަޖުބޫރުކުރުމުން އޭގެ ސަބަބުން ރައްޔިތުން ބާރުވެރިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ކައުންސިލްތަކުން ސަރުކާރަށް ދައްކަން މަޖުބޫރުކުރާ ޓެކްސް ފައިސާއިން ރައްޔިތުންނަށް ކަންކަން ކޮށްދެވޭނެ ކަމަށް ވިދާޅުވެ ރައީސް ދެއްވި ތަގުރީރުގައި ވަނީ އެ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ. އެކަމަކު ކައުންސިލްތަކަށް ލިބޭ ފައިސާ ވެސް ހޭދަކުރަނީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށްކަން ފާހަގަކުރެވެ އެވެ.
ކައުންސިލްތަކުން ސަރުކާރަށް ޓެކްސް ނަގަން މަޖުބޫރުކޮށް ގާނޫނު އިސްލާހުކުރާނެކަން ސަރުކާރުން މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ. މީގެއިތުރުން އެފަދަ އިސްލާހެއް ލާމަރުކަޒީ ގާނޫނު އެންމެ ފަހުން އިސްލާހުކުރިއިރު ވެސް ދައްކާފައެއް ނުވެ އެވެ.
ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ހުރަސްއެޅޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް، މިހާތަނަށް އެ އިސްލާހު ތަސްދީގުކުރައްވާފައެއް ނުވެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން 80 އަށްވުރެ ގިނަ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.