ދިވެހި ބޭސްވެރިކަމުގެ ފަންނު ދިރުވައި އާލާކޮށް ހިމާޔަތް ކުރުމުގެ ގޮތުން ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތައް މާލޭގައި އިންދަން ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ދިވެހި ބޭސްވެރިންގެ ޖަމިއްޔާއާއެކު މޭޔަރު އާޒިމް ވަނީ މިއަދު ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމަކީ ދިވެހި ބޭސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އާޒިމް ވިދާޅުވީ، ދިވެހި ބޭސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން ސިއްހީ ދުޅަހެޔޮކަމަށް ބޭނުންކުރަމުން އައިސްފައިވާ، އަދި ދިވެހިންނަށް ވަރަށް މުހިންމު ތަރިކައެއް ކަމަށެވެ. ނަމަވެސް، މިހާރު މި ތަރިކަ އުވިގެން ނެތިގެންދާކަމުގެ އިހުސާސް ކުރެވޭ ކަމަށާއި، އެހެންކަމުން މި ދާއިރާ ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި، އެ ކަންކަމަށް ކައުންސިލުން މަގުފަހިކޮށްދެއްވާނެ ވިދާޅުވިއެވެ.
އެހެންކަމުން ދިވެހި ބޭސްވެރިކަމަށް ބޭނުންވާ މުހިންމު ފަތްޕިލާވެލި ލިބިދިނުމަށް ފަސޭހަކުރުމަށް، އެފަދަ ގަސްތައް މާލެ ސިޓީގެ ޕާކުތަކާއި، ސަހަރާތަކާއި، މިސްކިތްތަކުގައި އިންދައި، އާލާކުރުމަށް މަސައްކަތް ކުރައްވާނެ މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޒީނަތްތެރިކުރުމަށް އިންދާ ގަސްތަކުގެތެރޭގައި ވެސް، ބޭސްވެރިކަމަށް ބޭނުންވާ ގިނަ ގަސްތައް އިތުރުކުރުމަށް ކައުންސިލަށް ހުށަހަޅައިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
މި މަސައްކަތުގެ ބޭނުމަކީ، ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް މޭޔަރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ދިވެހި ބޭސްވެރިންގެ ޖަމިއްޔާގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ، ދިވެހި ބޭހަށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ ފަތްޕިލާވެލި، ފަސޭހައިން މާލެ ސަރަހައްދުން ތާޒާކަމާއެކު ނުލިބޭކަމަށެވެ. މިއީ ދިވެހި ބޭސްވެރިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުގެ މިފަދަ އެހީތެރިކަމާއެކު، ދިވެހި ބޭސްވެރިކަމުގެ ފަންނު އާލާވެ، އެ ކަމުގެ ސަބަބުން ދިވެހިންގެ ސިއްހީ ދުޅަހެޔޮކަން އިތުރުވެގެން ދާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.