ރައީސް މުހައްމަދު މުއިއްޒުގެ ދޮންމަންމަ ސްކީލާން ދިން އިންޓަވިއުއެއްގެ މައްޗަށް ތައްޔާރުކުރި ޑޮކިޔުމެންޓްރީއަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެވޯޑު ދޭން ނިންމި މީހުންގެ ތެރޭގައި ހިމެނޭ އެމްއޭސީއެލްގެ މީޑިއާ ޑިޕާޓްމަންޓްގެ އިސްވެރިއަކަށް އުޅުނު ޝަމްއާން ޝާކިރު ޑިޕާޓްމަންޓް ބަދަލުކުރުމަށްފަހު އަނެއްކާވެސް އެ ކުންފުނީގެ މީޑިއާ ޑިޕާޓްމަންޓަށް ގެނެސްފި އެވެ.
ރައީސް މުއިއްޒުގެ ދޮންމަންމައާ ގުޅޭ އެ ޑޮކިޔުމެންޓްރީއަށް މިދިޔަ އަހަރު އެވޯޑު ދިނުމުން ސަރުކާރުން އެކަމާ ނުރުހުންފާޅުކޮށްފައި ވަނިކޮށް، ޝަމްއާން ވަނީ އެ ވޯޑަށް އޭނާ މާކްސް ދިނީ ރަނގަޅަށް ނޫން ކަމަށް އަމިއްލައަށް އިއުތިރާފުވެ، ބަޔާނެއް ވެސް ނެރެފަ އެވެ.
އެކަމާ ގުޅިގެން ޝަމްއާން އެމްއޭސީއެލްގައި މަސައްކަތް ކުރާ ޑިޕާޓްމަންޓް ބަދަލުކުރި އެވެ. އޭގެ ދުވަސްތަކެއް ފަހުން މިދިޔަ މަހުގެ ތެރޭގައި އަނެއްކާ ވެސް އޭނާ ވަނީ މީޑިއާ ޑިޕާޓްމަންޓަށް ބަދަލުކޮށްފަ އެވެ.
މީޑިއާ ޑިޕާޓްމަންޓަށް ބަދަލުވުމަށްފަހު ޝަމްއާން ގެންދަނީ އޭނާގެ ބައެއް ރަށްޓެހިންނަށް އިއުލާން ކުރުމެއް ނެތި އެތަނުން ވަޒީފާ ހަމަޖައްސަމުންނެވެ.
އެ ޑިޕާޓްމަންޓްގައި މިހާތަނަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުންދިޔަ ބައެއް މުވައްޒަފުން ޝަމްއާންގެ ނުފޫޒުން އެހެން ޑިޕާޓްމަންޓްތަކަށް ދަނީ ބަދަލުކުރަމުންނެވެ.