އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އުވާލަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމުގެ މުހިންމު ޒިންމާ މަތި ކުރެވިފައިވާ އީޕީއޭ އުވާލުމަށްފަހު، އެތަނުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ވެސް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ.

އޭގެ އިތުރުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަދާ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް ކުރުކޮށް، އަވަސް ކުރެވޭނެ ގޮތްތަކެއް ބަލައި، ތަރައްގީގެ މަޝްރޫއުތައް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތްތަކަށް ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަށް ވެސް މުއިއްޒު ވަނީ އަންގަވާފައެވެ.

އީޕީއޭ އުވާލަން ސަރުކާރުން ނިންމި އިރު އެ އޮފީސް ހިނގަމުން ދިޔަ ގްރީން ބިލްޑިންގ ވެސް ވަނީ މި ސަރުކާރުގެ ތެރޭގައި އަނދައިގެން ގޮސްފަ އެވެ.

ގްރީން ބިލްޑިން އަދާ ހުލި ވުމާއެކު، އެ އިމާރާތުގައި ހިނގަމުން ދިޔަ އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް ސަރުކާރުން އުވާލުމަށް ފަހު އެ މިނިސްޓްރީގެ މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލު ކޮށްފައެވެ.

އީޕީއޭ އުފެދުނީ 18 ޑިސެމްބަރު 2008 ގައި، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރަކުންނެވެ. މިއީ އެންވަޔަރަންމަންޓަލް ރިސަރޗް ސެންޓަރާއި މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ އެއްކޮށްލައިގެން އުފެއްދި އިދާރާއެކެވެ.

މިނިވަން އިދާރާ އެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އުފެއްދި އީޕީއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކޮށް، ރައްކާތެރިކޮށް، އަދި ބެލެހެއްޓުމާއި، ކުނި މެނޭޖްކުރުމާއި، އަދި ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުން ހިމެނެ އެވެ.

އީޕީއޭ ގެ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތަކާ ބެހޭ ރިޕޯޓު ތަކާ ބެހޭ އެންމެހާ މަސައްކަތްތައް ހިމެނެ އެވެ.