ކެންސަރު ޖެހުނު ފަހުން އޭނާއަށް މަސައްކަތް ހުށައަޅަން ގިނަ ޕްރޮޑިއުސަރުން ފަސްޖެހޭ ކަމަށް މަޝްހޫރު އެކްޓަރު ހީނާ ޚާން ބުނެފި އެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން އުރަމަތީގެ ކެންސަރަށް ފަރުވާ ކުރަން ފެށި ހީނާ ވަނީ ގިނަ ދުވަސްތަކަކަށްފަހު ކަލާސްގެ ރިއަލިޓީ ޝޯއެއް ކަމަށްވާ "ޕަތީ ޕަތުނީ އޮރް ޕަންގާ"ގައި ބައިވެރިވެފަ އެވެ.
މީގެ ކުރިން ކައިވެނި ކޮށްގެން ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބައިވެރިން އެކުގައި ފެންނަ ކަލާސްގެ އެ ޝޯގައި ހީނާ ބައިވެރިވީ އޭނާގެ ކުރީގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލްއާއެކުގަ އެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ އެއްވެސް މީހަކު ސީދާ އޭނާއަށް ދިމާއަށް އަދިވެސް އެއްކޮށް ރަނގަޅު ނުވާ ކަމަށް ނުބުނި ނަމަވެސް އެހެން ބުނަން ބޭނުންވާކަން އެނގޭ ކަމަށެވެ.
އެފަދަ ޕްރޮޑިއުސަރުންގެ ވިސްނުން އެހެން ހުންނަ ސަބަބު އެނގޭ ކަމަށާއި އެއީ ހުދު އޭނާ ނަމަވެސް އެ ވިސްނުން ގެންގުޅޭނެ ކަމަށް ވެސް ހީނާ ބުންޏެވެ.
"ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ"އާއި "ކަސޯޓީ ޒިންދަގީ ކީ 2"ފަދަ ސީރީޒްތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހީނާ މިހާރު ވަނީ ކެންސަރު ބަލިން މުޅިން ސަލާމަތްވެފަ އެވެ.