ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ވަޒީރުން މަޖިލީހަށް ހާޒިރުނުވާތީ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ 12 މަޖިލިސް މެންބަރުން ސޮއިކުރައްވައި ރައީސް މުއިއްޒަށް ފޮނުއްވި އެ ސިޓީގައި ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީކުރުވުމަކީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކާ އެ މީހަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭން ވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ސިޓީގައިވެ އެވެ.

ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިހުލާސްތެރިކަމާއެކު ތަންފީޒުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ބާރު އެޅުމާއި، ގާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

"..ރައްޔިތުންނަށް މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ވުޒާރާތަކުން ކުރާ މަސައްކަތްތަކާއި، އަދި، މި ހިނގާ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ކަންކަން ތަންފީޒުކުރަމުންގެންދާ މިންވަރު ބެލުމަށްޓަކައި ލިޔުމުން ނުވަތަ އަނގަބަހުން ވަޒީރުންނާ ސުވާލުކުރުމަށް އެތައް ފަހަރެއްގެ މަތިން ހުށަހަޅާފައިވާނެއެވެ. އެހެންނަމަވެސް، ދެންނެވުނު ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބަދަލުގައި، އެ ޒިންމާއިން ބަރީއަވެ، އަޅުގަނޑުމެންގެ ދުސްތޫރީ ވާޖިބަށް ވަޒީރުން ގެންދަވަނީ ހުރަސް އަޅުއްވަމުންނެވެ..،" އެމްޑީޕީ މެންބަރުންގެ ސިޓީގައިވެ އެވެ.

ވަޒީރުންގެ މަޖިލީހަށް މީހުން އައްޔަންކުރުމާއި އެ މަގާމުތަކުން މީހުން ވަކިކުރުމާއި ވަޒީރުންނާ މެދު ފިޔަވަޅު އެޅުމަކީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއްކަމަށްވީ ހިނދު، މަޖިލިސް މެންބަރުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާ ވަޒީރުންނާ މެދު ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމު ކަމެއް ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ވަޒީރުންނަށް އަންގަވައި، ވަޒީރުން ގާނޫނުއަސާސީ އާއި ގާނޫނަށް ތަބާވާކަން ކަށަވަރުކުރެއްވުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ އެދިވަޑައިގެންފަ އެވެ.