މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން ގަނޑު ކޮށްފައިވާ އެމްބްރިއޯއަކުން ސިއްހަތު ރަނގަޅު ކުއްޖަކު އުފަން ވެފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
އެމެރިކާގެ އޮހާއޯއަށް ނިސްބަތްވާ ދެމަފިރިން ކަމަށްވާ ލިންޑްސީ އަދި ޓިމް ޕިއާސްއަށް ދަރިއަކު ލިބުނީ 1994 ވަނަ އަހަރު ގަނޑުކުރި އެމްބްރިއޯއަކުންނެވެ.
އަހަރުތަކެއް ވަންދެން ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދުމަށްފަހު އެމްބްރިއޯ ބޭނުންކޮށްގެން ދަރިއަކު ހޯދަން އެ ދެމަފިރިން މަސައްކަތް ކުރިއިރު އެ މަސައްކަތް މިހާރު ވަނީ ކާމިޔާބު ވެފަ އެވެ.
އެއާއެކު އެ އެމްބްރިއޯއިން އުފަންވި ތަޑިއުސް ޕިއާސް ވެފައިވަނީ އެންމެ ގިނަ ދުވަސް ވަންދެން ގަނޑުކުރެވިފައިވާ އެމްބްރިއޯއިން އުފަންވި ކުއްޖާ އަށެވެ. އެ އެމްބްރިއޯ ވަނީ ގާތްގަނޑަށް 11،000 ދުވަހު ރައްކާތެރި ކަމާއެކު ބޭއްވިފަ އެވެ.
ލިންޑްސީ ބުނީ އެމީހުން ބޭނުންވީ ރެކޯޑެއް ހަދަން ނޫން ކަމަށާއި އެމީހުން ބޭނުންވިހާ ވެސް ކަމަކީ ދަރިއަކު ހޯދުން ކަމަށެވެ. ގުދުރަތީ ގޮތުން އެކަން ނުވުމުން އެކަމަށް ކުރެވެން ހުރި ކަމެއް ކުރީ ކަމަށް ވެސް އޭނާ ބުންޏެވެ.
ލިންޑްސީގެ ދެމަފިރިން ބޭނުންކޮށްފައިވަނީ މިހާރު އުމުރުން 62 އަހަރުގެ ލިންޑާ އާކާޑް މީގެ 31 އަހަރު ކުރިން ހަދިޔާކުރި އެމްބްރިއޯ އެކެވެ.
ލިންޑާ ބުނީ އޭނާ އެކަން ކުރީ ދަރިން ލިބުމުގެ އުފަލުން މަހުރޫމް ވެފައިވާ އާއިލާތަކަށް އުއްމީދެއް ދިނުމަށް ކަމަށާއި ކޮންމެވެސް ދުވަހަކުން އޭނާގެ އެމްބްރިއޯއިން އުފަންވި ކުއްޖާއާއި އޭނާގެ އާއިލާއާ ބައްދަލު ކޮށްލަން އުއްމީދުކުރާ ކަމަށެވެ.