ކައުންސިލުތަކުގެ މާލީ ބާރު ހަނިވާ ގޮތަށް ލޯކަލް ކައުންްސިލުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކުރި ބިލު ތަސްދީގު ނުކުރުމަށް އިދިކޮޅު އެމްޑީޕީން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރޭ ގޮވާލައިފި އެވެ،

އެމްޑީޕީން މިގޮތަށް ގޮވާލެއްވީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެވެ.

ރޭގެ ޖަލްސާގައި މިހާރު މި ސަރުކާރުން ހުށަހަޅާ މަޖިލީހުން ވެސް ފާސްކޮށްފައިވާ ލާމަރުކަޒީ ބިލު ތަސްދީގު ނުކުރެއްވުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. އަދި އެ ބިލު ތަސްދީގު ކުރައްވައިފި ނަމަ އެކަމުގެ ސަބަބުން ގައުމުގެ ރައްޔިތުންނަށާއި ގައުމުގެ ތަރައްގީއަށް ވެސް ހުރަސްތަކެއް އެޅިގެން ދާނޭ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.

އެމްޑީޕީސް ރައީސް މުއިއްޒަށް ލާމަރުކަޒީ ބިލު ތަސްދީގު ނުކުރުމަށް ގޮވާލާފައިވާ އިރު، އެ ޕާޓީގެ ޗެއާޕާސަން ގފައްޔާޒު އިސްމާއި ވިދާޅުވީ ރައީސް އެ ބިޮލް ތަސްދީގު ކުރެއްވި ނަމަވެސް އެމްޑީޕީގެ ސަރުކާރެއްގައި އެކަން ބަދަލުކޮށް، ކައުންސިލުތައް އިތުރު ބާރުތައް ދޭނެ ކަމަށެވެ.

ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުުވުމުގައި ފައްޔާޒު ވިދާޅުވީ މަޖިލީހުން އިއްޔެ ފާސްކުރި އެ ބިލާ މެދު 156 ކައުންސިލަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. ފައްޔާޒު ވިދާޅުވީ ބިލުގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދިޔައީ އަވަސް އަރުވާލައިގެން، މާ ބޮޑު ދިރާސާއެއް ކުރުމެއް ނެތި ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެކަން އެގޮތަށް އެހާ ބާރު ދުވެލީގައި ވެގެން ދިއައީ ރައީސް ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

އެ ބިލު ތަސްދީގު ނުކުރެއްވުމަށް ފައްޔާޒު ވަނީ ރައީސް މުއިއްޒަށް ގޮވާލައްވައިފަ އެވެ. ފައްޔާޒު ވިދާޅުވީ ގައުމަށްޓަކައި ވެސް އެ ބިލު ތަސްދީގު ނުކޮށް އަލުން އެހެން ވިސްނުމަކަށް ދިއުން މާ ބުއްދިވެރި ކަމުގަ އެވެ.

އޭނާ ވިދާޅުވީ ބިލު ތަސްދީގުކޮށް ގާނޫނަކަށް ހެދި ނަމަވެސް އެމްޑީޕީގެ ސަރުކާރެއްގައި އެކަން ބަދަލުކޮށް، މިހާރަށް ވުރެ ގިނަ ބާރުތައް ކައުންސިލްތަކަށް ދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އިއްޔެ ފާސްކުރި ބިލާ އެކު ގާނޫނަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ނުވަތަ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ މައިގަނޑު ތިން ކަމެއްގައި ސަރުކާރުގެ ބަހެއް ނެތި ނުކުރެވޭ ގޮތް ހެދުމެވެ.

އެ ކަންކަމުގެ ތެރޭގައި ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔަށް ދޫކުުރުމާއި ދިނުމާއި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުމެވެ.

މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަހެވެ. އެހެންކަމުން، މި އިސްލާހު ތަސްދީގު ކުރުމާ އެކު، މި ދައުރުގެ ބާކީ މި އޮތް މުއްދަތު ތެރޭ މާލީ ކަންކަމާ ގުޅޭ އެ ތިން ކަމުން ކަމެއް ކުރެވޭނީ ސަރުކާރުގެ ހުއްދައާ އެކު އެވެ.