ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ އެކްޓިވިސްޓު، ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކުރަން ހުށަހަޅާފައިވަނިކޮށް އޭނާގެ ނަން އަނބުރާ ނަގައިފި އެވެ.

ޝަހީދު މި މަގާމަށް އައްޔަނު ކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެޕްލިކޭޝަން ބާތިލް ކޮށްދިނުމަށް އެދި އޭނާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) ގެ ރައީސް ހުސައިން ރިޒާ އާދަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެފަދައިން ނިންމީ އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.

މިއީ ދިވެހި ގައުމަށްޓަކައި އަދި ޖުޑިޝަރީގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްކަމަށާއި، ސިޔާސީ މަގާމެއްގައި ހުރުމަށްފަހު އެ މަގާމުން އިސްތިއުފާ ދީ، މި މަގާމަށް ކުރިމަތިލީ ވެސް ސިޔާސީ ކަންކަމާ ދުރުވުމަށްޓަކައި ކަމަށް ޝަހީދު ވިދާޅުވި އެވެ.

ހައި ކޯޓުގެ ފަނޑިޔާރަކަށް ކުރިމަތިލައްވަން ނިންމެވީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމަށާއި އެއްވެސް ބައެއްގެ އަތެއް އެ ކަމުގައި ނޯންނާނެކަން ފާހަގަ ކުރައްވަމުން ޝަހީދު ވިދާޅުވީ އޭނާ އަކީ ޝަރުތު ހަމަނުވާ މީހެއް ކަމަށް މީހުން ދައްކަން އުޅުނު ނަމަވެސް ގާނޫނީ ވަކީލުކަމުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑަކީ ޝަރުތު ނުވާ މީހެއް ކަމަށް ވެސް ދައްކަން ބަޔަކު އުޅެފައި އޮތީ. އެކަމަކު، އަޅުގަނޑަކީ ގާނޫނީ ވަކީލުކަމުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ މީހެއް. ހައި ކޯޓުގެ ފަނޑިޔާރަކަށް ބޭނުންވާ ޝަރުތު ވެސް ފުރިހަމަވޭ،" ޝަހީދު ވިދާޅުވި އެވެ.

މިއާއެކު ޝަހީދު ވަނީ އި ކޯޓު ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށާއި، ހައި ކޯޓަށް އޭނާ އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރަން މިރޭ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަން ވެސް އަންގަވާފަ އެވެ.