ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ އެކްޓިވިސްޓު ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުން ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

ޝަހީދު އައްޔަން ކުރުން ހުއްޓުވުމަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގަތީ މިއަދު އެވެ.

ރައީސް މުއިއްޒުގެ ދިފާއުގައި ވަކާލާތު ކުރަމުން ގެންދާ ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު ހައި ކޯޓަށް އައްޔަން ކުރަން، ރައީސް މުހައްމަދު މުއިއްޒުގެ ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޝަހީދު ހައި ކޯޓަށް އައްޔަން ކުރުން ހުއްޓުވުމަށް ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނީ ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލި ބޭފުޅެކެވެ. އެ މައްސަލައިގައި ބުނެފައި ވަނީ ޝަހީދަކީ ފަނޑިޔާރެއްގެ މަގާމަށް ޝަރުތު ހަމަވާ މީހަކަށް ނުވާތީ، އޭނާ އައްޔަން ކުރުން މަޑުޖައްސާލަން ކޯޓު އަމުރެއް ނެރެދިނުމަށެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅި ފަހުން، ޝަހީދު ހައި ކޯޓަށް އައްޔަން ކުރުމަށްޓަކައި ވަރަށް ބާރަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އޭނާ އައްޔަން ކުރުމުގެ ހަފުލާ މިއަދު ބާއްވަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ޝަހީދަކީ މިދިޔަ ރިޔާސީ އިންތިހާބު އަދި އޭގެ ފަހުން އޮތް މަޖިލިސް އިންތިހާބުގައިވެސް މިހާރު ވެރިކަން ކުރާ ޕީއެންސީއަށް ވަރުގަދައަށް ކެމްޕެއިން ކުރައްވައި ޕޯޑިއަމް ތަކުގައި ވާހަކަދެއްކެވި ބޭފުޅެކެވެ.

ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވި ޝަހީދު ވަނީ ރައީސް މުހައްމަދު މުއިއްޒާއެކު ވެސް ބައެއް ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ.

ޝަހީދަކީ ހޯމް މިނިސްޓަރީގެ ނައިބު ކަމުގެ މަގާމުގައި ހުންނަވައިގެން، ސަރުކާރު ދިފާއު ކުރުމުގައި ވެސް އެކިއެކި ޕްލެޓްފޯމްތަކުގައި ވަރުގަދައަށް ވަކާލާތު ކުރެއްވި ސިޔާސީ ބޭފުޅެކެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ގާނޫނާ ހިލާފަށް ވަކިކޮށް އަދި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން، ހައި ކޯޓުގެ ދެ ފަނޑިޔާރަކު ހުސްވި ސުޕްރީމް ކޯޓުގެ މަގާމުތަކަށް އައްޔަން ކުރުމުންނެވެ.

ޖޭއެސްސީ އިން އެމަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލާފައިވަނީ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ. ޖޭއެސްސީން ކުރިމަތިލާން ހުޅުވާލުމުން 17 ބޭފުޅަކު އެ ދެ މަގާމަށް ކުރިމަތިލެއްވި އެވެ.