ޕީއެންސީގެ އެކްޓިވިސްޓް މުހައްމަދު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމުގެ ރަސްމިއްޔާތު މާދަމާ ބާއްވަން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ އެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 8:30 ގައި ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދުގެ އިތުރުން އައްޔަންކުރަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރުން ހުއްޓުވަން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލައިގައި ވަގުތީ އަމުރަކަށް އެދިފައި ވިޔަސް އެފަދަ އަމުރެއް ނެރެފައެއްނުވެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމުން އޭނާ ވަނީ ހޯމް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ކަމުން އިސްތިއުފާދެއްވާފަ އެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ މިހާރު އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ. ޕާޓީގެ އެކްޓިވިސްޓުން ފަނޑިޔާރު ކަމަށް ގެނެސްގެން އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޝަރުއީ ދާއިރާގެ ތެރެއަށް އިތުރަށް އަތްގަދަކުރެއްވުމަށެވެ.

ޝަހީދަކީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދިވެސް އޭނާ އޮތީ ޕީއެންސީގެ މެންބަރުންގެ ދަފްތަރުގަ އެވެ. ޕީއެންސީގެ އެކި ޖަލްސާތަކުގައި ވާހަކަދައްކައި އިދިކޮޅު އެމްޑީޕީއަށް ވެސް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ފުރަތަމަ ކޮންޓްރޯލް ނެގީ ސުޕްރީމް ކޯޓުގެ އެވެ. އެއަށްފަހު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހައި ކޯޓުގެ ކޮންޓްރޯލް ނެގުމަށެވެ.