ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދު ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ ހޯދުމުގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
ޒަކަރިއްޔާ ހޯދުމަށް ކަނޑުމަގުންނާއި ވައިގެމަގުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި އޮޕަރޭޝަންގައި ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އަދި ދަތުރުކުރަމުން ދިޔަ ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެއްކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.