ސީރިއަސް ކުށްތަކެއްގެ ތުހުމަތު ކުރެވިފައިވާ ހޮލީވުޑްގެ މަޝްހޫރު ދެ ރެޕް ލަވަކިޔުންތެރިން ކަމަށްވާ ކާންޔޭ ވެސްޓްއާއި ސޯން ކޯމްބްސް އެކުގައި އަލްބަމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.

ކާންޔޭއާއެކު މަސައްކަތްކުރާ ފަރާތަކުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި މިއުޒިކަކީ އެ ދެތަރިން ވެސް ލޯބިކުރާ ކަމަކަށް ވާއިރު އެއީ އެކުގައި މަސައްކަތް ކުރަން އެންމެ ރަނގަޅު ގޮތެވެ.

އެގޮތުން އެ ދެތަރިން އެކުގައި މަސައްކަތް ކުރަން މިހާރުވެސް ވަނީ ފަށާފަ އެވެ. ޑިޑީ ވަނީ އޭނާގެ ޖަލު ބަންދުގައި ހުރެ ކާންޔޭގެ ލަވައެއްގައި ބައިވެރިވެފަ އެވެ.

ކާންޔޭއާއި ޑިޑީއަކީ ވެސް ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި ދައުވާ އުފުލި ޝަރީއަތުގެ މަރުހަލާ ކުރިއަށްދާ ދެތަރިން ކަން ފާހަގަ ކޮށްލެވެ އެވެ.

އެގޮތުން ޑިޑީގެ މައްޗަށް ކުރެވިފައިވާ ޖިންސީ ފުރައްސާރައިގެ ދައުވާތަކުން ސަލާމަތްވި ނަމަވެސް ހަށިވިއްކުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ދާދި ފަހުން ކޯޓުން ވަނީ ނިންމާފަ އެވެ. އެ މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ އޮކްޓޯބަރު މަހު އެވެ.

ކާންޔޭއަށް ބަލާއިރު ނާޒީ ފިކުރު ޕްރޮމޯޓްކުރާ ކަމަށް ބުނެ އޮސްޓްރޭލިއާއިން ވަނީ ދާދި ފަހުން ކާންޔޭ އެ ގައުމަށް އެތެރެވުން މަނާ ކޮށްފަ އެވެ.

ހަށި ވިއްކުމާއި ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ޑިޑީއާއި ކާންޔޭގެ ނަން ގުޅިފައިވާއިރު އޭގެ ފަހުން މުނިފޫހިފިލުވުމުގެ ދާއިރާއިން ވެސް އެ ދެމީހުންނަށް ވަނީ ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.