ކަޒަކިސްތާނުގައި އާއްމުން އެއްވެ އުޅޭ ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކޮށްފި އެވެ.

މިކަމާ ގުޅޭ ގާނޫނެއްގައި އެގައުމުގެ ރައީސް ކަސީމް ޖޮމާޓް ޓޮކަޔެވް ސޮއިކުރައްވާފައިވާއިރު، މިއީ އޭޝިއާގެ މެދު ތެރޭ ސަރަހައްދުގެ ގައުމު ތަކުގައި ދާދި ފަހުން އުފައްދަން ފެށި ގާނޫނު ތަކެކެވެ.

ކަޒަކިސްތާނުގައި އަންހެނުން މޫނު ބުރުގާ އެޅުން މަނާކޮށްފައިވަނީ އެއީ ކާކުކަން ދެނެގަތުމަށް އުދަނގޫވާތީ އާއި، ސިއްހީ އެކި ބޭނުން ތަކުގައި އާއި މޫސުން ގޯސްވާއިރު އާއި ކުޅިވަރާއި ސަގާފީ އެކި އެކި ހަރަކާތްތަކުގެ އުދަނގޫތައް ކުރިމަތިވާނެ ކަމަށް ބުނެ އެވެ.

މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ކަޒަކިސްތާނުގައި ރައީސް ޓޮކަޔެވް ވަނީ މި ގާނޫނަށް ތާއީދުކުރައްވާ، "މޫނު ފޮރުވޭ ކަޅު ހެދުން" ލުމުގެ ބަދަލުގައި އެގައުމުގެ ސަގާފަތް ދައްކުވައިދޭ ހެދުން ތައް މަގުބޫލު ކުރަން ޖެހޭކަމަށް ވިދާޅުވެފަ އެވެ.

އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މި ގާނޫނަށް އާއްމުން އަމަލުކުރަމުން ދޭތޯ އެގައުމުގެ ފުލުހުން އަންނަނީ ބަލަމުންނެވެ. މިގޮތުން މަގުތަކުގައި ފޯރިމަރަމުން ދާއިރު، މޫނު ބުރުގާ އަޅައިގެން އުޅޭނަމަ 250 ޑޮލަރަށް ވުރެ ބޮޑު ޖޫރިމަނާއެއް ކުރިމަތިވާނެ އެވެ.