ރާއްޖެއާއި ސިންގަޕޫރާ ދެމެދު ތިން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މި އެމްއޯޔޫތަކުގައި ސޮއިކޮށްފައިވަނީ ރައީސް މުހައްމަދު މުއިއްޒު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގަ އެވެ.
ޖުމްލަ ތިން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު، މަތީ ތައުލީމާއި، ތައުލީމީ ސިޔާސަތާއި، ފަންނީ އަދި ވޮކޭޝަނަލް ތައުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ އެ ގައުމުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަންގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ގޮތް މޮންގް ސޮންގްއާއެކު އެމްއޯޔޫއެއްގައި ސޮއިކުރައްވާފަ އެވެ.
މިއާއެކު ގާބިލުކަން އިތުރުކުރުމަށް އެއްބާރުލުން ދިނުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބަލަކްރިޝްނަން ވަނީ އެމްއޯޔޫއެއްގައި ސޮއިކުރައްވާފަ އެވެ.
އޭގެފަހުން ތިމާވެއްޓާއި ދެމެހެއްޓެނިވި ދާއިރާއާއި ގުޅޭގޮތުން އެންވަޔަރަމެންޓް މިނިސްޓަރު ތާރިގް އިބްރާހީމާއި ސިންގަޕޫރުގެ އެންވަޔަރަމެންޓް މިނިސްޓަރު ގްރޭސް ފު ވަނީ ސޮއިކުރައްވާފަ އެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގަންނަވާއިރު، ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.