ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ ފިލްމުތަކަށް ފިނި ތަރުހީބެއް ލިބެމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެންމެ ފަހުން ބޮކްސް އޮފީހުގައި ކާމިޔާބުވި އޭނާގެ ފިލްމަކީ 2016 ވަނަ އަހަރު ނުކުތް "ޑަންގަލް" އެވެ.
އޭގެ ފަހުން ރިލީޒް ކުރެވުނު އާމިރުގެ "ތަގްސް އޮފް ހިންދުސްތާން" އާއި "ލާލް ސިންހް ޗައްދާ"އަށް ބޮކްސް އޮފީހުގައި ލިބުނީ ފިނި ތަރުހީބެކެވެ. އެހެން ނަމަވެސް މީގެ ދިހަ ދުވަސް ކުރިން ރިލީޒް ކުރެވުނު އާމިރުގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރް"އަކީ އޭނާގެ އެނބުރި އައުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކެއްގެ ބާސްކެޓް ބޯޅަ ކޯޗެއްގެ ރޯލުން އާމިރު ފެންނަ އެ ފިލްމު ވަނީ 10 ދުވަހުގެ ތެރޭގައި 100 ކްރޯޑް ކްލަބަށް ވަދެފަ އެވެ.
އެއާއެކު އެ ފިލްމުން ވަނީ މިފަހުން ނުކުތް އާމިރުގެ އެހެން ފިލްމުތަކުގެ އާމްދަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަހަތަށް ޖައްސާލާފަ އެވެ.
ފިލްމު ބެލި ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި "ސިތާރޭ ޒަމީން ޕަރު"އަކީ އާމިރުގެ އަސްލު ފެންވަރު ދައްކުވައިދޭ ހުރިހާ ގޮތަކުން ވެސް ވަރަށް މޮޅު ފިލްމެކެވެ.
2007 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "ތާރޭ ޒަމީން ޕަރް"ގެ ސީކުއަލްއެއްގެ ގޮތުގައި ނެރުނު މި ފިލްމުގައި އާމިރުގެ އިތުރުން ލީޑު ރޯލުން ފެނިގެންދަނީ ޖެނީލިއާ ދޭޝްމުކް އެވެ.