1994 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އައީ ބޮލީވުޑްގެ އެންމެ ވިދުންގަދަ ތަރިންގެ ގޮތުގައި ބެލެވޭ ތިން "ޚާނުން"ނެވެ. އާމިރު ޚާންއާއި ސަލްމާން ޚާންއާއި ޝާހްރުކް ޚާން އެވެ.
މި ބުނި މުއްދަތުގައި އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި އާމްދަނީގެ ގޮތުން ބަލައިފިނަމަ މިއިން ތަރިއަކު ނޫޅޭ ފިލްމަކަށް ލިބެނީ ފިނި ތަރުހީބެކެވެ.
އެހެން ނަމަވެސް ބޮކްސް އޮފީހުގައި ޚާނުން ކުރަމުން އައި ރަސްކަން ވައްޓާލީ އުމުރުން 60 އަހަރުގެ އެކްޓަރެކެވެ. އެ އެކްޓަރުގެ ފިލްމުތައް ވަނީ އާމްދަނީގެ ގޮތުން ބަލާއިރު ތިން ޚާނުންގެ ފިލްމުތަކަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.
މިދިޔަ 20 އަހަރު ތެރޭގައި ޚާންއެއް ނޫޅޭ ފިލްމެއް ބޮކްސް އޮފީހުގައި ކާމިޔާބުވީ އެންމެ ތިން ފަހަރު އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ 2006 ވަނަ އަހަރު ނެރުނު ދޫމް އެވެ.
އަނެއް ދެ ފިލްމަކީ ކުރިން ދެންނެވި އެކްޓަރުގެ ދެ ފިލްމެވެ. ސަރަހައްދީ އެކްޓަރެއްގެ ގޮތުގައި މަޝްހޫރުވި އެ އެކްޓަރު އިސާހިތަކު އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި ފައި ހިއްޕާލި އެވެ. އެއީ ކާމިޔާބު ތަރި ރަޖްނީކާންތު އެވެ.
ޚާނުންނާއި ރަޖްނީކާންތުގެ ވާދަވެރިކަން ފެށިގެން އައީ 2005 ވަނަ އަހަރު ނެރުނު ރަޖްނީގެ ފިލްމު ޗަންދްރަމުކީ އެ އަހަރު ނުކުތް ޚާނުންގެ ފިލްމުތަކަށްވުރެ ބޮޑު އާމްދަނީއެއް ހޯދުމުންނެވެ.
އެހިސާބުން ވެސް ރަޖްނީ ހުއްޓައެއް ނުލަ އެވެ. އޭގެ ފަސް އަހަރު ފަހުން 2010 ވަނަ އަހަރު ނުކުތް ސަލްމާންގެ ދަބަންގްއާއި ޝާހްރުކް ޚާންގެ މައި ނޭމް އިޒް ޚާން ފަހަތަށް ޖައްސާލީ ރަޖްނީގެ "އެންތިރަން" އެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު ރިލީޒް ކުރެވުނު ރަޖްނީގެ ފިލްމު "2.0" ވެގެން ދިޔައީ އާމިރުގެ "ތަގްސް އޮފް ހިންދުސްތާން"، ސަލްމާންގެ "ރޭސް 3" އަދި ޝާހްރުކް ޚާންގެ "ޒީރޯ" ވެސް ވައްޓާލި ފިލްމަކަށެވެ.
މިހާރު ރަޖްނީގެ އުމުރުން 70 އަހަރަށްވުރެ މަތިވެފައިވާއިރު އަދިވެސް އޭނާގެ ކާމިޔާބީތައް މަޑުޖެހިފައިވާ ކަމަށް ބުނެވޭކަށް ނެތެވެ. އެހެނެއް ކަމަކު ދުވަހަކަށްވުރެ ދުވަހެއް އޭނާގެ މަޝްހޫރުކަން ދަނީ އިތުރުވަމުންނެވެ.
ކޮންމެއަކަސް ވަރުގަދަ ޚާނުން ފަހަތަށް ޖައްސާލުމަކީ ފަސޭހަ ކަމަކަށް ނުވާއިރު ރަޖްނީކާންތު ވަނީ އެތައް ފަހަރެއްގެ މަތިން އެކަން ހާސިލް ކޮށްފަ އެވެ.