ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓް އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެ އިންކަމަށް ބުނެ މީޑިއާގައި ހަބަރުތައް ފެތުރޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

އެހެން ނަމަވެސް އާލިއާގެ އެންމެ ފަހުގެ ފެނިލުމާއެކު އެ ހަބަރުތަކަށް މިވަނީ މިހާރު ނިމުމެއް އައިސްފަ އެވެ. އެ ފެނިލުމަށްފަހު އޭނާ އިނީ ބަލިވެ ނޫންކަން ވަނީ ޔަގީންވެފަ އެވެ.

އެ ފެނިލުމުގައި އޭނާގެ އުނަގަނޑު ކޮންމެވެސް ވަރަކަށް ފާޅުވާ ވަރުގެ ކްރޮޕް ޓޮޕެއް ލައިގެން ހުރިއިރު ބަނޑުބޮޑު ނޫންކަން އެނގިގެންދެ އެވެ.

އާލިއާ ބަލިވެ އިންކަމަށް ބުނެ އެންމެ ފުރަތަމަ އަޑުތައް އަރަން ފެށީ މިއަހަރުގެ ކޭންސް ފިލްމު ފެސްޓިވަލްއަށް އޭނާ ޚިޔާރުކުރި ހެދުމެއްގެ ސަބަބުންނެވެ.

އެއަށްފަހު އެތައް ފަހަރެއްގެ މަތިން އާލިއާ އޭނާގެ ޖިމަށް ވަދެ ނުކުމެ ހަދާ މަންޒަރު ފެނިފައިވާއިރު ކޮންމެ ފަހަރަކުވެސް މީޑިއާއަށް ފިލަން މަސައްކަތްކުރާ ފަދަ ގޮތަކަށް އޭނާގެ އަމަލުތައް ހުއްޓެވެ.

އެހެން ނަމަވެސް ދެވަނަ ފަހަރަށް އާލިއާ ބަލިވެ އިންކަމެއް އެއްވެސް އިރަކު އޭނާއާއި އޭނާގެ ފިރިމީހާ ރަންބީރު ވެސް ޔަގީން ކޮށްދީފައެއް ނުވެ އެވެ.

2022 ވަނަ އަހަރުގެ އޭޕްރީލް މަހު ކައިވެނިކުރި އާލިއާއާއި ރަންބީރުއަށް އެމީހުންގެ އަލަތު ދަރިފުޅު ރަހާ ލިބުނީ ހަމަ އެ އަހަރުގެ ފަހުކޮޅު އެވެ.