ރާއްޖޭގެ ދަރިވަރުންގެ ތައުލީމީ ނަތީޖާ ދަށްވަމުންދާކަމުގެ ކަންބޮޑުވުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފާޅުކުރައްވައިފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގަ އެވެ. ވަޒީރު ޝަފީއު ވިދާޅުވީ މަތީ އަރުތަވެރިންގެ ގިންތީގައި ހިމެނޭ ދަރިވަރުންގެ އަދަދު މަދުކަމަށާއި، ތައުލީމީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ބޭނުންވާ މަންޒިލަށް އަދި ނުދެވޭކަމަށެވެ. މީގެ ތެރޭގައި މުދައްރިސުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތްތައް ހިމެނޭކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އޯލެވެލް އިމްތިހާނުތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ގިނަ ދަރިވަރުން ފަސް މާއްދާއިންވެސް ފާސްނުވާ ކަމަށެވެ. އެގޮތުން 2013 އަދި 2014 ވަނަ އަހަރު، އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނަ ދަރިވަރުން ފަސް މާއްދާއިން ފާސްނުވާ ކަމަށާއި، މިދިޔަ ދެ އަހަރުވެސް ފެނިގެންދިޔައީ ހަމަ މިފަދަ ނަތީޖާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޯލެވެލް ނަތީޖާ ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ވަޒީރު ފާހަގަކުރެއްވީ ޕްރައިމަރީ މަރުހަލާގެ ނަތީޖާ ދަށްވުމެވެ. ދައުލަތުން ތައުލީމީ ދާއިރާއަށް ބޮޑެތި ހަރަދުތަކެއް ކުރަމުންދާއިރު އެކަށީގެންވާ ނަތީޖާއެއް ނުފެންނަކަމަށް ވަޒީރު ވިދާޅުވި އެވެ.

ވީމާ، މި ހަގީގަތް ގަބޫލުކޮށްގެން ނޫނީ ދަރިވަރުންގެ ނަތީޖާ ކުރިއެރުވޭނެ ގޮތެއް ނުފެންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. މި ކަންކަން ހައްލުކުރުމަށް، މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނަށް ލީޑަޝިޕް ޓްރެއިނިން ދިނުމުގެ އިތުރުން ކަރިކިއުލަމާއި ކޮންޓެންޓަށް ބަދަލުތައް ގެނެވޭނެކަމަށްވެސް ވަޒީރު ޝަފީއު ވިދާޅުވި އެވެ.