ދެން އިވިގެންދާނީ ޕީއެންސީގެ ބޮޑެތި ބޭފުޅުން އެމްޑީޕީއާ ގުޅޭ ވާހަކަކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭގައި ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ޕީއެންސީގެ އިސް ބޭފުޅުން މިހާރު ވެސް އެމްޑީޕީއާ ގުޅެން ވާހަކަ ދައްކަމުން ގެންދާތީ، ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމި ވާހަކަތައް އިވުނު ގޮތަށް ދެން އިވޭނީ ޕީއެންސީގެ ބޭފުޅުން އެމްޑީޕީއާ ގުޅޭ ވާހަކަ ކަމަށެވެ.

"އިހަށް ރޭ އިވުނީ ޑިމޮކްރެޓްސް އަޅުގަނޑުމެންނާ ގުޅެމުންދާ ވާހަކަ. ދެން އިވިގެންދާނީ ޕީއެންސީގެ ބޮޑެތި ބޭފުޅުން އަޅުގަނޑުމެންނާ ގުޅިގެންދާ ވާހަކަ، އިރާދަކުރެއްވިއްޔާ،" ޝާހިދު ވިދާޅުވި އެވެ.

ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި، ރައްޔިތުން މަގުފުރެއްދުމަށް ދޮގު ވިއްކަން އުޅުއްވި ދުވަސް މިހާރު ނިމިއްޖެކަމަށާއި، ސަރުކާރަށާއި ޕީއެންސީ އަށް ރައްޔިތުން ކުރި އިތުބާރު މިހާރު ވަރަށް ބޮޑަށް ގެއްލިފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ.

މިހާރު ވެރިކަމުގައި އޮތީ އަނިޔާވެރި ސަރުކާރެއް ކަން ފާހަގަކުރައްވަމުން ޝާހިދު ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ބަދަލުކުރަން ކޮންމެ 'ފޯމިއުލާ'އެއް ބޭނުންކުރަން ވެސް ތައްޔާރު ކަމަށް ރޭގެ ޖަލްސާގައި ވިދާޅުވެފަ އެވެ.