ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަމުގެ އަގުގެ މިންގަނޑު ނުވަތަ ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް (ޕީޕީއައި) މިދިޔަ އަހަރާ އަޅާބަލާއިރު 13.53 އިންސައްތަ މައްޗަށް ގޮސްފައިވާކަން ފާހަގަކުރެވިއްޖެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމާރާތްކުރުމުގެ އަގުތައް ވަނީ މަތިވެފަ އެވެ. އިމާރާތްކުރުމުގެ އަގުތައް މިހާ ބޮޑަށް މައްޗަށް ދިއުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަސައްކަގައި މަސައްކަތްތެރިންގެ އުޖޫރައާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތީގެ އަގު މަތިވުން ހިމެނެ އެވެ.

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހާ ހަމައަށް ކޮންމެ މަހަކުވެސް އިމާރާތްކުރުމުގެ އަގުތައް ވަނީ ކުޑަ މިންވަރަކުން ނަމަވެސް އިތުރުވެފަ އެވެ. އެގޮތުން، ޖަނަވަރީމަހު 0.14، ފެބުރުވަރީ މަހު 0.01 އަދި މާޗުމަހު 1.01 އިންސައްތައިން މަތިވެފައިވެ އެވެ. އަހަރުން އަހަރަށް ބަލާއިރު ޖަނަވަރީ މަހު 13.82، ފެބުރުވަރީ މަހު 13.68 އަދި މާރިޗު މަހު 13.53 އިންސައްތައަށް މަތިވެފައޮވެ އެވެ.

އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަމުގެ އަގުގެ މިންގަނޑުގައި އިމާރާތްކުރުމުގެ މަސައްކަތްތަކާއި މަގު ހެދުމުގެ މަސައްކަތްތަކުގެ އަގުތައް ހިމެނެ އެވެ. އިމާރާތްކުރުމުގެ ދާއިރާގެ އަގުތައް މިފަދަ ބޮޑު މިންވަރަކަށް އުފުލުމަކީ ގައުމުގެ އިގްތިސާދަށް އަސަރުކުރާނެ ކަމެކެވެ. މިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރުމުގެ ހަރަދު ބޮޑުވެ، އާންމު ރައްޔިތުންނަށް ބުރަ ބޮޑުވެގެންދާނެ އެވެ.